ޚަބަރު

މަހްރަމަކާ ނުލައި އަންހެނުންނަށް ހައްޖާއި އުމްރާ ވެވޭނެ ގޮތް ސައޫދީން ހަދައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދާ އަންހެނުން މީގެ ފަހުން މަހްރަމަކު ގެންދަން ނުޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.

ސައުދީ ގެޒެޓުގައި ބުނެފައިވާ ގޮތުން، މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައުދީ އެމްބަސީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރަބިޔާ ވަނީ އަންހެން ހައްޖުވެރިއަކާއެކު މަހުރަމަކު ދާންޖެހޭ ގޮތަށް އޮތް އުސޫލު ނިމުމަކަށް ގެނެސްފައެވެ.

ޑރ. ތައުފީގު އަލްރަބީއާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމަކުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީއަށް އެތެރެވާއިރު، މަހްރަމަކު ގެނައުން މިހާރު މަޖުބޫރު ނުވާނެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުންނަށް ވިސާ ދޫކުރާނެ ވަކި އަދަދެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން އުމްރާގެ އަޅުކަމަށް ކޮންމެ މަހަކަށްވެސް ވިސާ ދޫކުރަނީ ވަކި އަދަދަކަށެވެ. ސައުދީ ސަރުކާރުން ވަނީ އުމްރާވެރިންނަށް ކުރިން ދޭ އެއް މަހުގެ ވިސާގެ ބަދަލުގައި ތިން މަހުގެ ވިސާއެއް ދިނުމަށްވެސް ނިންމައިފިއެވެ.

އަލްރަބިޔާ ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްކުރާ ހަރަދުތައް ކުޑަކުރުމަށް ސައޫދީ ސަރުކާރުން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ދެ އަޅުކަން އަދާކުރާ މީހުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންވެސް ހިފަން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ދެ ހަރަމްފުޅުގައި ހައްޖުވެރިންނާއި އުމްރާވެރިންނަށް ބައެއް ކަހަލަ ހިދުމަތްތައް ދިނުމުގައި ރޮބޮޓް ބޭނުންކުރުން ހިމެނެއެވެ. އަދި ހައްޖާއި އުމްރާގެ ހުއްދަ ހޯދުމާއި ވިސާ ހޯދުމަށް "ނުސްކް ޕްލެޓްފޯމް" ތައާރަފުކުރި ފަހުން، އެ ޕްލެޓްފޯމްގެ ޒަރީއާއިން ހުއްދައަށް އެދި ހުށަހެޅުމާއި ހުއްދަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ވިސާވެސް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

މި ބައްދަލުވުމުގައި އަލްރަބިޔާ ވަނީ ހަރަމްފުޅު ބޮޑުކޮށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ފަށާފައިވާކަން ހާމަކޮށްފައެވެ. އެ މަޝްރޫއަށް ކުރި ހަރަދު 200 ބިލިއަން ރިޔާލަށްވުރެ އިތުރުވެފައިވާ އިރު، މިއީ ހަރަމްފުޅުގެ ޖާގަ ތަނަވަސް ކުރަން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވެސް ވިދާޅުވިއެވެ.