ވަށާޖެހޭ ނަފްސާނީ ސިއްހަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު ރަސްމީގޮތުން ހުޅުއްވައިދެއްވައި ދައްކެވި ވާހަކަފުޅުގައެވެ.
ފަޒްނާ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ހުޅުވިގެންދާ އިރު، އެކަމަނާ ދެކެން ބޭނުންވާ އެންމެ މުހިންމު އެއް ތަނަކީ ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތު ސެންޓަރުގެ ޒިންމާއެއްކަމުގައި ނުބަލައި، ހޮސްޕިޓަލުގެ އެހެން ހުރިހާ މުވައްޒަފުންވެސް ނަފުސާނީ ސިއްހަތުގެ މުހިންމުކަން ދެނެގަނެ، އެކަމަށްޓަކައި ގުޅިގެން މަސައްކަތްކުރާ ތަން ދުށުން ކަމަށެވެ.
އެގޮތުން މުޅި ހޮސްޕިޓަލް ޝާމިލުވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފުސާނީ ސިއްހަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ވަކިން ހާއްސަކޮށް ހޮސްޕިޓަލަކީ އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅާލާ ނަމޫނާ ދައްކުވައިދޭ ތަނަކަށް ހެދުމަށް ހުރިހާ މުވައްޒަފުންވެސް މަސައްކަތްކޮށްދެއްވުމަށް އެކަމަނާ ވަނީ ގޮވާލައްވައިފައެވެ.
ފަޒްނާ ވަނީ މި ފަހުން އެކަމަނާ ބަހުރައިނަށް ކުރެއްވި ދަތުރުފުޅުގައި ބަހުރައިންގެ ކިންގް ހަމަދު ޔުނިވަސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތަޖުރިބާ ހިއްސާކުރައްވައިފައެވެ. އެގޮތުން އެ ހޮސްޕިޓަލުގައިވެސް ތަފާތު އެކި ޑިޕާޓުމަންޓުތައް ގުޅިގެން ޝާމިލުކަމާއެކު ނަފުސާނީ ސިއްހަތުގެ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ހުޅުމާލޭ ހޮސްޕިޓަލަށް ވެސް ނަމޫނާ ނެގޭނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ނަފުސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިން ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ހިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލުގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާއެކު އޮންލައިންކޮށް މަޝަވަރާކުރުމާއެކީ، ތެރެޕީ ސެޝަންތައް ކުރިއަށްގެންދިއުމުގެ ހިދުމަތްވެސް އެ ސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޯ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ.