ދިވެހިރާއްޖޭގެ ތާރީޚު

ތާރީޚުގެ ތެރެއިން: އަތޮޅުވެރިން މަސްތުވީމާ މިސްކިތްވެސް ތަޅާލަން ޖެހިދެއެވެ.

އިމާދު ލަތީފު

އަފިހުން ކެއުމަކީ އެއްދުވަސްވަރެއްގައި މާލޭގެ ކަމުވޮށިގެންވާ ވަރަށް ގިނަ މީހުން ކުރިކަމެކެވެ. ފެޝަނެއްގެ ގޮތުންވެސް ކުރި ކަމެކެވެ. އަފިހުން ކައިގެން މަސްތުގެ ހާލަތުގައި ތިބެ ކަންކަންކޮށްގެން ވަރަށް ދެރަ ނަތީޖާވެސް ނުކުމެފައިވެއެވެ. މިފަދަ އެއް ހާދިސާއަކީ އައްޑުއަތޮޅު މީދޫ ކޯގަންނު ގަބުރުސްތާނުގައިވާ މިސްކިތްތަކުގެ ތެރެއިން ވަރަށް އާސާރީ މިސްކިތެއްކަމުގައިވާ ދެށެނާ މިސްކިތް ތަޅައިލުމެވެ. މާލެއިން ފޮނުވާފައި ހުންނެވި އަތޮޅުވެރިޔާ އަފިހުން ބޭނުންކުރައްވައިގެން "ނައިސް" ވެފައި ހުންނެވި ދުވަހެއްގައި ނުބައި އަމުރެއް ކުރެއްވިގެން މިސްކިތްވެސް ގެއްލިގެންދިޔައީއެވެ. ދެށެނާ މިސްކިތުގެ ނިމުން އައިގޮތާމެދު ކުރެވުނު ދިރާސާތަކާއި ހޯދުނު ހޯދުންތަކުން އެނގުނު އެއްޗަކީ އެއީއެވެ. ދެނެތިބި މީހުންގެ ފުށުން ލިބުނު މައުލޫމާތަކީ އެއީއެވެ.

ކޯގަންނަށް ޒިޔާރަތްކުރާ މީހަކަށް މިއަދު އެތަނުން ފެންނާނީ ހަތަރު މިސްކިތާއި ޒިޔާރަތެކެވެ. އެހެންނަމަވެސް ކުރީން އެތަނުގައި ފަސް މިސްކިތް ހުއްޓެވެ. ތަޅައިލެވުނު މިސްކިތްހުރީ ފަނޑިޔާރު މިސްކިތާއި އަތަރާ މިސްކިތާއި ދޭތެރެއިން ކޯގަންނުގެ އެންމެ އިރުމަތީގައެވެ. ދާދިފަހަކާހަމަޔަށްވެސް އެ މިސްކިތުގެ އަސަރު ފެންނާންހުއްޓެވެ. ތާރީޚީ ލިޔުންތަކުން އެނގޭގޮތުން އެއީ އައިމިނާބީގެ ދެށެމިނާ ތަކުރުފާނު ބިނާ ކުރެއްވި މިސްކިތެކެވެ. އެ ތަކުރުފާނުގެ ނަމަށް ނިސްބަތްކޮށްފައި ދެށެނާ މިސްކިތޭ ކިޔަމުންއައީއެވެ. މިސްކިތުގެ ބާރުވެރިންގެ ގޮތުގައި އެތަން ބަލަހައްޓަމުން އައީ މިދެންނެވި ދެށެމިނާ ތަކުރުފާނުގެ އައުލާދުގެ މީހުންނެވެ. ބާރަބަޔަކަށް ބަހައިލެވިގެންނެވެ. ކޯގަންނުގެ އެހެނިހެން މިސްކިތްތައްވެސް ކުރީން ބަލަހައްޓަމުން އައީ މިކަހަލަ އިންތިޒާމެއްގެ ދަށުންނެވެ.

މިސްކިތް ތަޅައިލުމުގެ ހާދިސާ ހިނގާފައިވަނީ މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިންނެވެ. އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔާ ނިމިގެން އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަން ފެށުނު ދުވަސްވަރުއެވެ. އެދުވަސްވަރު އައްޑުއަތޮޅަށް މާލެއިން ފޮނުވާފައި ހުންނެވީ ފިސާރި އަތޮޅުވެރިޔެކެވެ. ދީނާއި ދުނިޔޭގެ ކަންކަމަށްވެސް ހޭލުންތެރި، އިލްމުވެރި، ބާރުގަދަ އަތޮޅުވެރިޔެކެވެ. ތާރީޚާއި އިސްލާމީ އާސާރުތަކަށް ލޯބިކުރެއްވުން ބޮޑު އަތޮޅުވެރިޔަކަށްވީމާ މީދޫއަށް ވަޑައިގެންފިނަމަ ކޯގަންނަށް ޒިޔާރަތްކުރެއްވުމަކީ އާދައެކެވެ. އެހެންނަމަވެސް އޭނާގެ ބަލިފަޔެއް އޮވެއެވެ. ދޭތެރެޔަކުން އަފިހުން ބޭނުންކުރެއްވުމެވެ. މިދެންނެވި އަތޮޅުވެރިޔާގެ ނަން ގެންނާކަށް ގަސްތެއް ނުކުރަމެވެ. މައުޟޫގެ ބާވަތުންނެވެ. މަސްލަހަތަށްޓަކައެވެ.

އަތޮޅުވެރިޔާ މީދޫއަށް ވަޑައިގެންނެވި ދުވަހެއްގައި އާދައިގެމަތިން ކޯގަންނަށް ޒިޔާރަތް ކުރައްވައިފިއެވެ. ރަށުގެ ވެރީންކުރެ އަރިހުގައި ހުރީ ރަށުވެރި ނާއިބު މީހާގެ ދަނބިކޮޔެވެ. އެއީވެސް ކަތީބެކެވެ. އެހެން ދުވަސްދުވަހަށްވުރެ އަތޮޅުވެރިޔާގެ ބަސްފުޅު މިދުވަހު ގިނައެވެ. ބަސްފުޅު ވިދާޅުވުމުގައި އައިބުގޮތެއްވެސް ހުއްޓެވެ. އެހެންޏާ ވިދާޅުނުވާ ޒާތުގެ ވާހަކަފުޅުތައްވެސް އެބަވިދާޅުވެއެވެ. އަތޮޅުވެރިޔާ ކުއްލިއަކަށް ވިދާޅުވެއްޖެއެވެ. މިތާގައި ކީއްކުރާ ކުދިކުދި މިސްކިތްތަކެއް ހެއްޔެވެ. މިސްކިތްތައް މާގިނައީއެވެ. މިހިރަ މިސްކިތުގެ ބޭނުމެއް އަމްދަކުން ނުފެނެއެވެ. ދެން ދެށެނާ މިސްކިތަށް އިޝާރާތް ކުރައްވައި ލަސްނުކޮށް އެ މިސްކިތް ތަޅައިލާން އަންގަވައި އަމުރުކުރައްވައިފައި ހިތަދޫއަށް ވަޑައިގެންފިއެވެ. ބަސްހުއްޓި ހައިރާންވެފައި ކަތީބަށްވެސް ހުރެވުނީއެވެ.

ދުވަސްވަރަކީ މިހާރު މިއޮންނަ ގޮތަށް ބަސްބުނެ ޚިޔާލުފާޅުކުރުމުގެ ފުރުސަތު އޮންނަ ޒަމާނެއް ނޫނެވެ. ރައްޔިތުންނަށް އަމުރުކުރާން ހުންނަނީ ކަތީބެވެ. ކަތީބުންނަށް އަތޮޅުވެރިޔާއެވެ. އަތޮޅުވެރިޔާއަށް ވަޒީރެވެ. ނުވަތަ ބޮޑުވަޒީރެވެ. މިތަރުތީބުން މަތިން ތިރިޔަށެވެ. އަމުރެއްގެ ހިކުމަތާއި ސަބަބާމެދު ސުވާލުކުރުމެއް ނޯވެއެވެ. ސުވާލުކުރުންވެސް އޮންނަނީ ނުކިޔަމަންތެރި އަމަލުތަކުގެ ގިންތީގައެވެ. ކުރަންޖެހޭހާވެސް ކަމަކީ އެ އަމުރެއް ވީހާވެސް އަވަހަށް ތަންފީޒުކޮށް ނިންމައިލުމެވެ. ކިޔަމަންވުމަކީ އެއީއެވެ. އެހެންވީމާ މިސްކިތް މުގުރާން އަތޮޅުވެރިޔާ ކުރެއްވި އަމުރުވެސް ދެވަނަ ވިސްނުމަކަށް ނުގޮސް ތަންފީޒުކޮށް ނިންމައިލީއެވެ. ދެންވީ މާއެހެން ކަހަލަ ގޮތެކެވެ. ދެށެނާ މިސްކިތް ތަޅައިލަން އަމުރުކުރެއްވިކަން އަތޮޅުވެރިޔާގެ ހަނދާނުންވެސް ލުހިގެންދިޔައީއެވެ.

ދެށެނާ މިސްކިތް ތަޅައިލި ވާހަކަ އިސާހިތަކު އަތޮޅުވެރިޔާގެ ކަންފަތްޕުޅަށް އަރާއްޖެއެވެ. އަވަސްއަވަހަށް މީދޫއަށް ވަޑައިގެން ބެއްލެވިއިރު މިސްކިތް މުގުރައި ނިންމައިފިއެވެ. އިންދިރާހެއްވެސް ނެތެވެ. ދެން ވަރަށް ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. މިސްކިތް މުގުރުމަކީ ކިހައިބޮޑު ނުބައިކަމެއްކަން ކަލޭމެން ނުދަންނަނީ ހެއްޔެވެ. ކަތީބުން ދެންނެވިއެވެ. މިކަމެއް މިކުރީ މަނިކުފާނު އަންގަވައިގެން ނޫންތޯއެވެ. ދެން ކުޑައިކޮށް ވިސްނަވާން ހުންނަވައިފައި ވިދާޅުވިއެވެ. ތިޔަވާހަކަ ދެން ނުދައްކާށެވެ. ވީކަމެއްވީއެވެ. މިސްކިތްތަކަށް ދެންވެސް އިހުތިރާމްކޮށް ރަގަޅަށް ބަލަހައްޓަންވާނެއެވެ. މިހެންވިދާޅުވެފައި ފުރާވަޑައިގެންފިއެވެ. މިއަށްފަހު އައްޑޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި އެނޫންވެސް ކަންކަމަށް އަތޮޅުވެރިޔާގެ އަމިއްލަފުޅު ޖީބުން ޚަރަދު ކުރައްވައި ކައްފާރާ އަދާކުރެއްވުމުގެ ވަރަށް ގިނަ ކަންކަން ހިންގަވައިފިއެވެ.