ކ. ގުރައިދޫ ސެންޓަރ ފޮ ޕީޕަލް ވިތު ޑިސެބިލިޓީގައި ބަލަހައްޓަމުންދަނިކޮށް މަރުވި މީހެއްގެ މަރާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް އާއިލާއިން ބުނެފިއެވެ.
އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މަރުވެފައިވަނީ ޑައުންސިންޑްރޯމް ހުންނަ މީހެއް ކަމަށްވާ އަލީ ނިޔާޒެވެ.
އޭނައަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށްވާ މުހައްމަދު އައްޝަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނިޔާޒު މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ކަމަށެވެ. އޭނާ މަރުވި އިރު އޭނާ އޮތީ ޑިސެބިލިޓީ ސެންޓަރުގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ނިޔާޒު އެ ސެންޓަރަށް ބަދަލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10ގައި ޖެންޑާ މިނިސްޓްރީގެ އެދުމުގެ މަތީން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ސެންޓަރަށް ގެންދިއުމަށްފަހު ނިޔާޒު ވަނީ މިދިޔަ މަހުގެ 24ގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި ކަމަށެވެ.
"އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެނެސްފައިވަނީ ހުން ގަދަވެ ނުކައި ހުރުމުގެ ސަބަބުން. ނިޔާޒަށް ނުރައްކާ ސިއްހީ މައްސަލަތައް ދިމާވޭ. އެގޮތުން ސްޓްރޯކެއްވެސް ވަނީ ޖެހިފައި،" އެ ޕޯސްޓުގައި ބުންޏެވެ.
އަމިއްލައަށް ދިޔާ ތަކެތި ދިރުވާލުމުގެ ހަކަތައެއް ނެތުމުން ނިޔާޒަށް ކާންދޭން ޖެހުނީ ނޭފަތަށް ރަބަރު ހޮޅިއެއް ލައްވައިގެން ކަމަށް އައްޝަދު ބުނެފައިވެއެވެ.
އޭނާ މަރުވެފައިވަނީ ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.
"ސެންޓަރުގެ ސްޓާފަކު ބުނިގޮތުގައި އޭނާ ވަނީ ދެ ފަހަރަކު ހެލްތު ސެންޓަރަށްވެސް ގެންގޮސްފައި،" އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
އޭނާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ބަލާފައިވާ ކަމަށް އައްޝަދު ބުނެއެވެ. ނިޔާޒުގެ ދެ ފައިގެ ކުޑަހުޅުގައި ނިޝާންތަކެއް ހުރިއިރު އެއީ އައްސާފައިވާ ކަމުގެ ނިޝާނެއް ކަމަށް ބެލެވޭ ކަމަށް އައްޝަދު ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މުހައްމަދު މިރޭ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން، އެ ފަރާތްތަކުގެ ލަފާއާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ނުކުޅެދުންތެރިކަން ހުރި 42 އަހަރުގެ މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް އެޑްމިޓުކޮށްފައިވާ ކަމަށެވެ.
އަދި މިދިޔަ ހޮނިހިރު ދުވަހު އޭނާ މަރުވެފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ.
މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި އޭނާގެ އާއިލާއިން ފައިގައި ޗޭނެއް އައްސައިފައި އޮތުމުގެ ސަބަބުން، އެ ނިޝާން ހަށިގަނޑުން ވަނީ ފާޅުވެފައި ކަމަށް އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މިނިސްޓްރީން ދަނީ އެ މައްސަލަ ބަލަމުން ކަމަށެވެ.