ޚަބަރު

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ތައާރަފުކުރަން ތަމްރީން ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޖައިޝަން

ރާއްޖޭގެ މާކަނޑުގައި ދިރިއުޅޭ ތުތިބޯވަދިލަ މަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން، އެކަމަށް ޝްއުގުވެރިވި މަސްވެރިންނަށް ހާއްސަ ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެގޮތުން މިއަދު އެ ޕްރޮގްރާމް ނިންމާލާފައިވާއިރު އެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ ތަމްރީން ޕްރޮގްރާމުގައި އަށް މަސްވެރިން ބައިވެރިވިއެވެ.

އެ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު އެ ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ތުތި ބޯވަދިލަ މަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ހަވާލުކޮށްފައެވެ.

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން، ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ދޫކުރުމުގެ އުސޫލެއް ފިޝަރީޒް މިނިސްޓްރީން ވަނީ ކުރީން ކަނޑައަޅައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރުމަށް ދޫކުރާ އެއްޗެއްސަކީ އަގުބޮޑު އެއްޗެހި ކަމަށެވެ. އެހެންކަމުން އެތަކެތި ދޫކުރާނީ ދިގު މުއްދަތުގައި އަގު އަދާ ކުރާގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. އެވެ. މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ.