ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޓީސީސީގެ ބަހާއި ފެރީގެ ހިދުމަތް ހިލޭ

އަހުމަދު ޖައިޝަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޓީސީސީގެ ބަސް އަދި ފެރީ ދަތުރުތައް ހިލޭ ކުރެވުމުގެ ހިދުމަތް އެކުންފުނިން ހަމަޖައްސައިފި އެވެ.

އެމްޓީސީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައު ތެރޭގައި ބާރުވެރިކޮށް އެފަރާތްތަކަށް ލިބޭ ހިދުމަތްތައް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެމްޓީސީސީން ބުނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ގޮތުގައި ރެޖިސްޓްރީ ކުރުމުން، އެންސްޕާ އިން ފޯރުކޮށްދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުން ދަތުރުތައް ހިލޭ ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީގެ ފެރީ ގިމަތައާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައްވެސް ފަރުމާ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަދި ހާއްސަކޮށް ފިޒިކަލް ޑިސޭބިލިޓީ ހުންނަ ފަރާތްތަކަށް އަރާ ފޭބުމަށް ފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ބާރުވެރިކުރުވައި މުޖުތަމައުގެ ތެރޭގައި ފުރުސަތުތައް ފަހިކޮށްދިނުމަކީ އެކުންފުނީން ވަރަށްބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.