ދުންޔާ މައުމޫން

މައުމޫންގެ ފަރާތްޕުޅުން ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ދުންޔާ އިންޑިއާ އަށް

މުހައްމަދު އައުޒަމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންޑިއާގެ ވެރިރަށް ދިއްލީއަށް ފުރާވަޑައިގެންފިއެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ފަރާތްޕުޅުން ދިއްލީގައި ބާއްވަން ހަމަޖެހިފައި ވަނީ ނުރަސްމީ ބައްދަލުވުންތަކެއް ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

މި މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސް މައުމޫނަށް ފޯނުން ގުޅުއްވައި ޑިމޮކްރަސީއަށް ކުރާ މަސައްކަތުގައި ހިތްވަރު ދެއްވާފައެވެ. އެކަމަށްޓަކައި ރައީސް މައުމޫން ވަނީ ޓުވީޓަކުން މޯދީއަށް ޝުކުރު ދަންނަވައިފައެވެ.

މޯދީ ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފޯނުން ގުޅުއްވާފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެ ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.