ހެލްމެޓުގެ ބަދަލުގައި ބޮލުގައި ތެއްޔެއް އަޅައިގެން ސައިކަލުގައި ދިޔަ މީހަކު ފުލުހުން ހުއްޓުވައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ސައިކަލު ހުއްޓުވާފައިވަނީ ސިނަމާލެ ބުރިޖު ހުޅުލޭ ޓްރެފިކް ލައިޓު ކައިރިން މިއަދު ހަވީރު 5:20 ހާއިރެވެ.
ފުލުހުން ބުނީ ހެލްމެޓުގެ ބަދަލުގައި ބޮލުގައި ތެއްޔެއް އަޅައިގެން ދިޔަ މީހަކު ފުލުހުން ހުއްޓުވައި، އޭނާއަށް ނަސޭހަތްދީފައިވާ ކަމަށާއި އެމީހާއަކީ އެ ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ.
ފުލުހުން ވަނީ އެ ސައިކަލު ދުއްވަން އިން މީހާ ޖޫރިމަނާކޮށްފައެވެ. އެމީހާ ޖޫރިމަނާކުރީ އޭނާ އަތުގައި ލައިސަންސް ނެތުމުންނާއި ރޯޑްވާދިނަސް، އިންޝުއަރެންސް އަދި އަހަރީ ފީ ވެސް ހަމަވެފައިވުމުން ކަމަށް ފުލުހުން ބުންޏެވެ.
ރޭ 12:00 އިން ފެށިގެން ހެލްމެޓް އެޅުމުގެ ގަވައިދަށް އަމަލު ކުރަން ވަނީ ފަށައިފައެވެ. ޓްރާންސްޕޯޓު އޮތޯރިޓީން މިދިޔަ މަހު 28ގައި ގެޒެޓްކޮށްފައިވާ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުން ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލު ދުއްވާ މީހުން އަދި ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން މަޖުބޫރުކޮށްފައެވެ.