ޚަބަރު

ރައީސް މާދަމާ ބަހްރެއިނަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ބަހްރެއިނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ރައީސް ބަހްރެއިނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިއުވާން ނުދެއްވައެވެ.

ރައީސް ސޯލިހު އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިނގިރޭސި ވިލާތަށެވެ. އެއީ ރާނީ އެލިޒަބެތް ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އޭގެ ކުރިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާއަށް އަދި ޖޫން މަހު ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ދަތުރުފުޅެއް ކުރައްވާފައިވެއެވެ.

ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، ބަހްރެއިނަށް އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ ރައީސް މުހައްމަދު ނަޝީދެވެ. އެއީ ޖަނަވަރީ 2010 ގައެވެ.