ޚަބަރު

ކުޅުދުއްފުށީ ހުކުރު މިސްކިތަށް ގެއްލުން ދީފި

މުހައްމަދު އިޝާން

ކުޅުދުއްފުށި ސިޓީގައި ހުންނަ ހުކުރު މިސްކިތަށް ބަޔަކު ގެއްލުން ދީފިއެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު މިސްކިތުގެ ތަޅުމުގެ މަތީގައި ސިމެންތި ޖަހައި ނުހިކި ހުއްޓައި، ތަޅުން މައްޗަށް ފެން ހޮޅިއެއް ދޫކޮށްލައި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްފައިވާ ކަމަށެވެ.

އާތިފު ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގެއްލުންވަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ރަށުގެ ތަރައްގީއަށް ހުރަސްއެޅުން ކަމަށް އާތިފު ވިދާޅުވިއެވެ.

އެފަދަ އަމަލުތައް ހިންގި ނަމަވެސް ރަށުގެ ތަރައްގީ އާއި ރައްޔިތުންގެ ފައިދާހުރި ކަންކަން ކުރުމުގައި ކައުންސިލް ދެމިތިބޭނެ ކަމަށް އާތިފު ވިދާޅުވިއެވެ.

ހުކުރު މިސްކިތަށް ގެއްލުންދިން މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ.