ގއ. ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި މީހާ މަރުވެއްޖެއެވެ.
ކޫއްޑޫގައި މަސައްކަތް ކުރަން އުޅެނިކޮށް 20 ވަރަކަށް ފޫޓު އުސްމިން ހުރި އިމާރާތަކުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެއްޓުނީ އިންޑިއާ މީހެކެވެ. އެމީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާތީ، އޭނާއަށް ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ.
އެމީހާއަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
މާލެ ގެނައި އިރުވެސް އެމީހާގެ ހާލު ސީރިއަސްއެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އެމީހާ މަރުވީ ރޭގެ ވަގުތެއްގައި ކަން "ވަން" އަށް ވަނީ އެނގިފައެވެ.
އުމުރުން 41 އަހަރުގެ އެމީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ. އަދި ހަށިގަނޑު ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ އެނގިފައެވެ.