ޚަބަރު

އުމްރާވެރިންނަށް ތިން މަހުގެ ވިސާ ދޭން ސައޫދީން ނިންމައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދާ އުމްރާވެރިންނަށް ތިން މަހުގެ ވިސާއެއް ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފި އެވެ.

އުމްރާވެރިންނަށް މީގެ ކުރިން ދެނީ އެއް މަހުގެ ވިސާއެކެވެ.

ސައުދީގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ.ތައުފީގު އަލްރަބިޔާ އާ ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައިވާ ގޮތުުން އުމްރާ ވިސާގެ މުއްދަތު އެއް މަހުން ތިން މަސް ދުވަހަށް އިތުރު ކޮށްފައިވަނީ ހުރިހާ ގައުމެއްގެ އުމްރާ އަދާކުރާ ހުރިހާ ފަރާތްތަކަށް ކަމަށެވެ. ޑރ. ތައުފީގު އަލްރާބިއާ އެކަން އިއުލާނުކުރައްވައިފައި ވަނީ އުޒްބެކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.

ނަމަވެސް، އެ އުސޫލުން ވިސާ ދޫކުރަން ފަށާނެ ތާރީހެއް ސައުދީ ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.

ކޮވިޑް-19 ފެތުރުމުން އެޅި ފިޔަވަޅުތަކަށް ފަހު ސައުދީން މި އަހަރު ވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމަށް ވަރަށް ބޮޑެތި ލުއިތައް ދީފަ އެވެ. އެ ލުއިތަކާއެކު ނިމިދިޔަ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް އެއް މިލިއަން ހައްޖާޖީން ސައުދީ އަށް ދިޔައެވެ.