އަލީ ޔާމިން
ހަނގުރާމަވެރި ޖަމާއަތްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު އަނެއްކާވެސް މުރާޖައާކޮށް އާއްމުކޮށްފިއެވެ.
މިއީ މި ލިސްޓް މުރާޖައާކުރި ހަތަރު ވަނަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތައް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ 12 މަހަކުން މުރާޖައާ ކުރަންޖެހެއެވެ. ލިސްޓު މުރާޖައު ކުރައްވަންޖެހެނީ ގައުމީ ސަލާމަތީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެ ލިސްޓުގައި މިފަހަރު ވެސް ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސީރިޔާގެ ހުރިހާ ސަރަހައްދެކެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި އޮތީ ކުރިންވެސް އޮތް 19 ނަމެވެ.
އެ ލިސްޓުގައި އޮންނަ އެއްވެސް ޖަމާއަތަކަށް ތާއީދު ކުރުމާއި އެއިން ޖަމާއަތެއްގެ މެމްބަރަކަށް ވުމާއި އެފަދަ ޖަމާއަތެއްގެ ރަމްޒެއް ނުވަތަ ލިޔުމެއް ގެންގުޅުމަކީ ވެސް ކުށެކެވެ.