ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 18 މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ 18 މީހުންގެ ތެެއިން އެކި ބައެއް މީހުންގެ މައްޗަށް އެއްދައުވާއަށްވުރެ ގިނަ ދައުވާ ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއްކުރި ކަމުގެ ދައުވާ އުފުލައިފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މީހުންނަށް ސާބިތު ވެއްޖެނަމަ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އުފުލައިފައިވާ މީހާއަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައިފައިވާ މީހާއަށް ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ދައުވާ އުފުލާފައިވާ މީހުންނަށް ތިން އަހަރާއި ފަސްއަހަރާ ދެމެދުގެ ޖަލު ހުކުމެއް، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުުގެ ދައުވާ އުފުލާފައިވާ މީހުންނަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް، އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލާފައިވާ މީހުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އިތުރު ދައުވާތަކުގެ ގޮތުގައި ތ. ތިމަރަފުށީ ނަރުގިސްވިލާ އަބުދުﷲ ރިފާއުއަށް ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުނު ކަމުގެ ދައުވާ، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުުގެ ދައުވާ ފ. ދަނބުރުދޫ އާބާދީހުލްޝަން ޝަބީމް އާދަމްގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހއ. ހޯރަފުށީ ޔާގޫތުގެ މުހައްމަދު އިސްމާއީލްގެ މައްޗަށާއި، މއ. ކަނުހުރާ މުހައްމަދު ޒިލިއަންގެ މައްޗަށް ވަނީ ކޮށްފައެވެ.