ޚަބަރު

މާފަރުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސަށް ދީފި

މިލަދުންމަޑުލު ދެކުނުބުރީ މާފަރުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ހިއްސާކޮށްފިއެވެ.

މިކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މާފަރުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުމާއި، ރަށުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން ރަށުގެ ބައެއް އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަށުގެ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ބައެއް ޚިދުމަތްތައް ދެވެން ނެތްކަންވެސް މާފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި، ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅުކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ. މާފަރުގައި ކުށްކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރައްވައި ރަށުގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ގޮތް ފަހިވުމަކީ ހުރިހާ ރައްޔިތުންގެ ވެސް އެދުމެއް ކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމުގައި ވިދާޅުވިއެވެ. އަދި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި، މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަން ބައްލަވައި، އެ ކަންކަމަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.