ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ހިއްސާ ކުރައްވައިފިއެވެ.
މި މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވީ، އެރަށު ކައުންސިލް މެންބަރުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ނޮޅިވަރަމްގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
އެގޮތުން ރަށުގެ ބަނދަރު މިހާރު ތަރައްގީ ކުރެވިފައިވާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގެ މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭނެ ބައެއް ޚާއްސަ ކުރެވިފައި ނެތުމުން އެކަން ހައްލުކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ވަސީލަތްތައް ރަށަށް ބޭނުންވާ ކަމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަމް ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.