ޚަބަރު

އިންޑިއާގެ މަޝްރޫއުތައް އަވަސްކުރަން 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

ރިފާ ހަލީލު

ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް އެ ގައުމުން ދޭން ނިންމި އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ ރާއްޖެ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެދުއެވެ.

މި އެހީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޯދީ އިއުލާންކުރެއްވި އެހީއެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި އެހީއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އިންޑިއާ ސަރުކާރުން އެއްބާރުލުންދޭ ކަމުގެ ހެެއްކެއް ކަމަށެވެ.