ޚަބަރު

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގާނޫނު ގެޒެޓުކޮށްފި، ގަވާއިދެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުން

އަހުމަދު ޖައިޝަން

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ގާނޫނު މިއަދު ގެޒެޓުކޮށްފި އެވެ.

އެ އިސްލާހަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން ވައުދެކެވެ.

ގެޒެޓުގައި ބުނެފައިވާގޮތުން ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ހަވަނަ މާއްދައިގެ (މ)ގެ ފަހަތަށް ވަނީ ދެ އަކުރު އިތުރުކޮށްފައެވެ.

އެގޮތުން ފުރަތަމަ އިތުރުކުރި އަކުރުގައި ބުނެފައިވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތުތައް ހަމަވާ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ، ހައްޖުގެ އަޅުކަން އަދާކުރުމަށް ދެއްކޭނެ އިންތިޒާމު، ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

ދެވަނަ އަކުރުގައި ބުނެފައިވަނީ ސްކީމްގެ ބައިވެރިންގެ ތެރެއިން ޕެންޝަން އޮފީސް މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ސްކީމެއް ހިންގުމުގެ ސްކީމެއް އެކުލަވާލަން ޖެހޭ އުސޫލެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ޕެންޝަން އޮފީހުން މިއަދު ވިދާޅުވީ އެކަމާ ގުޅޭ ގަވާއިދެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ ގަވާއިދުގެ މަސައްކަތް ނިމެނޭ ކަމަށްވެސް ޕެންޝަން އޮފީހުން ބުންޏެވެ.