މަގުމަތީގެ އެކްސިޑެންޓް

ބަހަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށް އަނިޔާވެއްޖެ

ބަހަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހަތް އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިއަދު މެންދުރުފަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން މެންދުރުފަހު 3:00ގައި ހުޅުމާލެ ހޮސްޕޮޓަލަށް ހަތް އަހަރުގެ ފިރިހެން ކުއްޖެއް ގެނެސްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އިތުރު ތަހުލީލުތައް ކުރަމުންދާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

ބަހަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ހަތް އަހަރުގެ ކުއްޖާ އިނީ ސައިކަލުގެ ފަހަތު ސީޓުގައެވެ. އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.