ރިފާ ހަލީލު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި ހަފުތާގެ ނިޔަލަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަވާނެ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށާއި ވައިވެސް ގަދަވާނެ ކަމަށެވެ. ހުޅަނގު މޫސުމުގެ މި ވިއްސާރައިގެ އަސަރު ދޭތެރެ ދޭތެރެއިން އަލިވުމަށްފަހު އަލުންވެސް ކުރާނެ ކަމަށާއި އަންނަ ނޮވެމްބަރު މަހާއި ހަމަޔަށް އެ ގޮތަށް ދެމިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ހަފުތާގެ ނިޔަލަށް މޫސުން ގޯސްވި ނަމަވެސް އަންނަ ހަފުތާގައި ކަނޑުތައް މަޑުވެ އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވެ ކަނޑުތައް ގަދަވެފައިވާއިރު މި ދުވަސްވަރަކީ ގިނަ ދުވަސްތަކެެއްވަންދެން މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު މަސްވެރިކަން ރަނގަޅުވާންފެށި ދުވަސްވަރެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލްތަކުގެ މިޑުޓާމް ޗުއްޓީވެސް ފެށެއެވެ.
އެހެންކަމުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.