ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބަހުގެ އެތައް ކުށެއް، ގިނަ ބައެއްގެ ފާޑުކިޔުން!

1

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސިޓީއެއްގައި ދިވެހި ބަހުގެ އެތައް ކުށެއް ހުރުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އިއްޔެ ފޮނުވި އެ ސިޓީގައި ބަހުގެ ގިނަ ކުށްތަކެއް ހުރިކަން ފާހަގަކޮށް، ބައެއް މީހުން ވަނީ އެ ސިޓީގައި ހުރި ކުށްތަކުގައި ބޮޅު އެޅުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއިކުރައްވާފައިވާ އެ ސިޓީގައި ފާހަގަކޮށްފައިވާ ބައެއް ކުށްތަކުގެ ތެރޭގައި ސުކުނުގެ މައްސަލައާއި ލަފުޒު ދުރުކުރުމުގެ މައްސަލަ އާއި ތިކިޖެހި ތާނަ ގޯސްކޮށް ބޭނުންކޮށްފައި ހުރި މައްސަލަ އަދި ދަރަޖައިގެ މައްސަލަ ހިމެނެއެވެ.

އެ ސިޓީގައި ހިމެނޭ ކުށްތަކުގައި ބޮޅު އެޅުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރުމާއެކު، މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ފާހަގަކުރީ ތައުލީމާ ގުޅޭ ކަންކަން ބަލަހައްޓާ މިނިސްޓްރީން އެފަދަ ކަމެއް ފެނުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ލިޔެފައިވާ ލިޔުން ނުބަލައި، ދޫކޮށްލުމުގެ ނަތީޖާ ކަމަށެވެ.

އެ ސިޓީއާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟