ޚަބަރު

މިދިޔަ އަހަރު ނިންމި މައްސަލަތަކުން 1.9 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭ: އޭސީސީ

އިބްރާހިމް ޒަކީ

ހުސްވި 2018 ވަނަ އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމި މައްސަލަތަކުން ދައުލަތަށް 1.9 ބިލިޔަނަށްވުރެ ގިިނަ ރުފިޔާ ލިބެންޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަންގެ 2018 އަވަނަ އަހރުގެ އަހަރީ ރިޕޯޓް ނެރުމަށްފަހު އެ ރިޕޯޓްގައި ހިމެނޭ ބައެއް ކަންތައްތަކާބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ހުސްވި 2018 ވަނަ އަހަރު ދައުލަތަށް އަނބުރާ ލިބިފައިވާކަމަށް ދައްކަނީ 1.4 މިލިޔަން ރުފިޔާ ކަމަށެވެ.

"ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވާ ފައިސާގެ އަދަދު 2018 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި ހިމެނޭ، ކޮމިޝަނުން ގަބޫލުކުރާ ފައިސާގެ އަދަދަކީ، 108 މިލިޔަން އަށްވުރެ ގިނަ ފައިސާ، ދައުލަތަށް އަނބުރާ ލިބެންޖެހޭ. ކޮމިޝަނުން ބެލި މައްސަލަތަކާގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ދައުލަތަށް ހޯދަންޖެހޭ ފައިސާގެ އަދަދަކީ 1.8 ބިލިޔަން. އެހެންވީމާ ޖުމްލަ 1.9 ބިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެންނަށްގަބޫލު ކުރެވެނީ،" މުއައްވިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭސީސީން އިސްނަގައިގެން ހުސްވި އަހަރު 278 މައްސަލައެއް ތަހުގީގުކުރި ކަމަށެވެ. އަދި ހުސްވި އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކޮމިޝަންގައި މިހާރު ނުނިމި އޮތީ، 532 މައްސަލަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.