ޚަބަރު

ކޫއްޑޫގައި އިމާރާތެއްގެ މަތިން މީހަކު ވެއްޓި ވެންޓިލޭޓަރުގައި ފަރުވާދެނީ

މުހައްމަދު ޖަމްޝަތް ވަހީދު

ގއ. ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން ވެއްޓި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

މިފްކޯގެ އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައި ކަމަށާއި އަނިޔާވެފައިވަނީ އިންޑިއާ ރައްޔިތަކަށް ކަމަށެވެ. އޭނާ ވެއްޓުނީ 20 ވަރަކަށް ފޫޓު އުސް އިމާރާތެއްގެ މަތިން ކަމަށާއި ވެއްޓި އޭނާގެ ބޮލަށް އަނިޔާވެ ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ފޮނުވާލާފާއިވާ ކަމަށް ވިދާޅުވިއެވެ.

އަނިޔާވި މީހާއަށް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

ގއ. ވިލިގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވަންއަށް މިއަދު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ އޭނާގެ ސިކުނޑިއަށް ލޭވެސް އެޅިފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށްވެސް ވިދާޅުވި އެވެ.