ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

މިނިސްޓަރު ނަހުލާ، ބައިނަލްއަގުވާމީ ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަނަށް ޒިޔާރަތްކުރައްވައިފި

އަހުމަދު ޖައިޝަން

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ، ބައިނަލްއަގުވާމީ ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)އަށް ޒިޔާރާތްކުރައްވައިފި އެވެ. ތައިލެންޑުގައި ހުންނަ އައިކާއޯގެ އޭޝިއާ ޕެސިފިކް އޮފީހަށް މިނިސްޓަރު ޒިޔާރާތްކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުން ހުކުރު ދުވަހަށް ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރެއްވި ދަތުރުފުޅުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި އައިކާއޯގެ އޮފީހަށް ކުރެއްވި ދަތުރުފުޅުގައި އެތަނުގެ ރީޖަނަލް ޑިރެކްޓަރު އަރުން މިޝްރާއާ މިނިސްޓަރު ނަހުލާ ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި މިޝްރާ ވަނީ، އައިކާއޯއިން ތައްޔާރުކޮށްފައިވާ ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ އޮޑިޓް ރިޕޯޓު މިނިސްޓަރާ ހަވާލުކުރައްވައިފައެވެ.

އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ. އޭގެއިތުރުން ރާއްޖޭގައި ސިވިލް އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު ނަހުލާގެ އެ ދަތުރުފުޅަކީ ފާހަގަކޮށްލެވޭ ހާއްސަ ދަތުރުފުޅެއް ކަމަށާއި މިއީ އައިކާއޯގެ އޮފީހަށް ދިވެހި މިނިސްޓަރަކު ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރު ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.

އައިކާއޯއަކީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ދާއިރާ ރެގިއުލޭޓުކުރާ މައި ޖަމިއްޔާއެކެވެ.