ގާނޫނީ ޚިދުމަތުގެ ބިލުގެ ނަމުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ލީގަލް ޕްރޮފެޝަން ބިލު ވީހާ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު، އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ޚިދުމަތުގެ ބިލުގައި ގާނޫނުއަސާސީއާ ހިލާފު ކަންތައްތަކެއް ހިމެނޭކަމަށް ވިދާޅުވެ އެ ބިލު މަޖިލީހުގެ ތަޅުމަށް އެޖެންޑާ ނުކުރައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިލުގައި ގާނޫނުއަސާސީއާ ތައާރަޒުވާ މާއްދާއެއް އޮތްނަމަ ކޮމިޓީ މަރުހަލާގައި އެކަން ހައްލު ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހިމް ރޭ ވިދާޅުވީ، އެ ބިލު އޮތީ ގާނޫނުއަަސާސީއާ ހިލާފަށް ކަމަށާއި، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިހާ ދުވަހަކު އެ ބިލު މަޖިލީހުގެ ތަޅުމަށް އެޖެންޑާ ނުކުރައްވާނެ ކަމަށެވެ.
"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އޮވޭ ޖޭއެސްސީއަށް ހޮވޭ މެންބަރެއްގެ ދައުރުގެ އުމުރަކީ ފަސް އަހަރު ދުވަސްކަމަށް. އެކަން އެހެއް އޮއްވައި، ހަދާ ގާނޫނަކުންނެއް ކިހިނެއްތޯއޭ ގާނޫނުއަސާސީން ދީފަ އޮތް މެއިންޑޭޓް އުނިކޮށްލަނީ، ގާނޫނުއަސާސީ ބަދަލު ނުކޮށް، އިސްލާހު ނުކޮށް. ވިދާޅުވެބައްލަވާ އަޅުގަނޑު ލަތީފާ ގާސިމް ގެންނަންންވެގެން ނޫނީ އެހެންކަމެއްކުރަންވެގެން ތޯ؟ މިކަން މިކުރަނީ. އެކަމަނާ އެމައްސަލަ ހުށަހެޅުއްވީމާ އަޅުގަނޑަށް ނުވެސް އެނގޭ އޭރަކު އެންމެ ފުރަތަމައިންނުނެއް. އަޅުގަނޑު އަޅުމަނޑުމެންގެ ކައުންސެލް ޖެނެރަލަށް ހުށަހަޅައިވާހަކަ ދެއްކީމަ ކައުންސެލް ޖެނެރަލް ވިދާޅުވި އެހާބޮޑު ނުބައެއްނެތޭ، ފުރަތަމަ ވިދާޅުވީ އެހެން. ފަހުން ވިދާޅުވީ ގޯސްތަކެއް އެބަހުއްޓޭ، އެހެންވީމަ އެހިސާބުން އަޅުގަނޑަށް ޖެހުނީ އެ ބިލު ފޮނުވާލަން،" ގާސިމް ވިދާޅުވިއެވެ
ބާ ކޮމިޝަން އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލީގަލް ޕްރޮފެޝަން ބިލް (ގާނޫނީ ހިދުމަތުގެ ބިލު) މިހާރު އޮތީ ޖޭއެސްސީ މެންބަރު ލަތީފާ ގާސިމްގެ މަގާމު ގެއްލޭ ގޮތަށް ކަމަށާއި އެހެންކަމުން އެބިލު އިތުރަށް ދިރާސާ ކުރަން ޖެހޭކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ލަތީފާއަކީ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ އަނބިކަނބަލުންނެވެ.