އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ހުށަހަޅާފައިވާގޮތަށް، މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރު އަމަލުކުރަންފެށީއްސުރެން ހަދަން ޖެހޭ، ގާނޫނުތަކުގެ ތެރެއިން ބައެއް ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެދަށުން 11 ގަވާއިދަކަށް އަމަލު ކުރުން އަންނަ 2023 އަހަރުގެ މެއި މަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އާއްމު ގަވާއިދުތަކާބެހޭ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީއަށް 2008 ވަނަ އަހަރު، އަމަލުކުރަން ފެށިއިރުވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް ފާސްކޮށްފައިވާ ގާނޫނެކެވެ.
އެ ގާނޫނުގައި ހިމެނޭ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރަން އެންމެ ފަހުން މަޖިލީހުން ފާސްކުރީ، 2021 ސެޕްޓެމްބަރު 27 ގައެވެ. އެފަަފަހަރު އިތުރުކުރި މުއްދަތު، މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެފަހަރު މުއްދަތު އިތުރުކުރީ، 19 ގަވާއިދަކަށް އަމަލު ކުރުމަށެވެ. ނަމަވެސް އެ ދުވަހަށްފަހު މި ވޭތުވެދިޔަ މުއްދަތުގައި އޭގެ ތެރެއިން އަށް ގަވާއިދަކާ ގުޅޭ ގާނޫނުތައް ހަދައި ފާސްކޮށްފައިވާތީ، އެ 8 ގަވާއިދު، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުން ވަނީ އުނިކޮށްފައެވެ.