ޝަހީދާ އަބްދުﷲ ސައީދު
އަންހެނުންގެ ދުވަހާއި ގުޅިގެން ބޭންކު އޮފް މޯލްޑިވްސްގެ އަންހެން މުވައްޒަފުން ބޭނި މަހުން ''ގަރަދަ'' ނަމުގައި ރިހާކުރު ބުރޭންޑެއް މިއަދު ތައާރަފުކޮށްފިއެވެ.
މިއީ ދިވެހި މަސްވެރިން ކޯޕަރޭޓިވް ސޮސައިޓީން ތައާރަފު ކުރި ބުރޭންޑެއް ކަމަށް އެ ސޮސައިޓީން ބުނެފައިވެއެވެ. އެއީ ބީއެމްއެލްގެ އަންހެން މުވައްޒަފުންނާއެކު ދިޔަ މަސް ދަތުރުގައި ބޭނި މަހުން ތައާރަފުކުރި މި ރިހާކުރުގެ ފުރަތަމަ ބެޗު ކަމަށް ވެސް ބުނެފައިވެއެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ދިވެހި މަސްވެރިން ކޯޕަރޭޓިވް ސޮސައިޓީއާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށް ދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ވަނީ ބާއްވައިފައެވެ.
އެހަރަކާތުގައި ބޭންކުގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނަކު ވަނީ ބައިވެރިވެެފައެވެ. އެދުވަހުގެ މަސްދަތުރުގައި ދެ ގަޑިއިރުގެ ތެރޭގައި 300 ކިލޯގެ މަސް ބާނާފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.