މާލޭގެ މަގުތަކުގައި ކުނި ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން މާލޭގެ ގޭބިސީ ތަކާއި ވިޔަފާރިތަކަށް ހާއްސަ މާކެޓް ސާރވޭއެއް ފަށައިފި އެވެ.
ވެމްކޯއިން މި ސާވޭގެ މަސައްކަތް ފެށީ މިއަދުއެވެ. އެގޮތުން މިކަމާ ގުޅިގެން އެ ކުންފުނިން މައުލޫމާތު ދިނުމަށް މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި ސާވޭއަކީ ވެމްކޯގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، މަސައްކަތްތައް ފުޅާކުރުމުގެ އިތުރުން، މަސައްކަތުގެ އުޖޫރަ ނުދައްކައި ވެމްކޯގެ ހިދުމަތްތައް ލިބިގަންނަމުންދާ ފަރާތްތައް ދެނެގަތުމަށް ކުރިއަށް ގެންދާ ސާވޭއެއް ކަމަށް ވިދާޅުވެފައެވެ.
މާލޭގައި 30 ހާހަށްވުރެ ގިނަ ގޭބިސީ ހުންނަ އިރު ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވަނީ ވިހިހާހެއްހާ ގޭބިސީކަމަށް ވެމްކޯއިން ބުނެ އެވެ. އަދި ރަޖިސްޓްރިީ ކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން %60 ގޭބިސީތަކުން ގަވައިދުން ފައިސާ ނުދައްކާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދިނެވެ. އަދި މާލޭ އޭރިއާގައި 11 ހާހަށްވުރެ ގިނަ ކޮމާޝަލް ސާވިސް ޔުނިޓް ރަޖިސްޓަރީ ކޮށްގެން ހިންގާއިރު މީގެ ތެރެއިން ވެމްކޯއާއެކު ކޮންޓްރެކްޓް ހަދައިފައިވަނީ 1500 އެއްހާ ކޮމާޝަލް ސާވިސް ޔުނިޓުން ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް މި ހުރިހާ ތަނަކުންނާއި ގޭބިސީތަކުގެ ކުނި ވެމްކޯއަށް ކޮންމެވެސް ގޮތަކުން އަންނަ އިރު، ވެމްކޯއިން މިދޭ ހިދުމަތުގެ އަގު އެ ކުންފުންޏަށް ނުލިބޭ ކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިން ކުރަންޖެހޭ ކަންކަން ކުރުމަށް ދަތިތަކާ ކުރިމަތިވެ، ކުންފުނީގެ މަސައްކަތްތަކަށް އަބަދުމެ ދައުލަތުގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން މިއަދު އެ ކުންފުނިން ފަށާ ސާވޭގެ އެހީގައި މިކަންކަމަށް ހައްލެއް ގެނައުމަށް އެހީވެދޭނެކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ. މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި ސާވޭއަކީ ރައްޔިތުންނަށް ދަތި ކުރުމަށް ކުރާ ސާވޭ އެއް ނޫނަކަމާއި، ނަމަވެސް މި ސާވޭ އަކީ ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކާއި ރަޖިސްޓްރީ ނުކޮށް ހިދުމަތް ހޯދާ ގޭބިސީތައް ވަކިކުރުމުގެ އިތުރުން، ގޭބިސީތަކުން ރަޖިސްޓަރީ ނުކުރާ ސަބަބު ހޯދުމަށާއި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ހިދުމަތުގެ އުޖޫރަ ނުދައްކާ، ނުވަތަ ދެއްކުން ލަސްވަނީ ކީއްވެތޯ ބެލުމަށް ކުރާ ސާވޭއެއް ކަމަށްވެސް އެކުންފުނިން މައުލޫމާތު ދިނެވެ. އަދި ކުންފުނީގެ ހިދުމަތްތައް މިހާރު ހުރި ފެންވަރާއި، ކުރިއަށް އޮތްތާގައި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުވުމަށް ކުރެވިދާނެ މަސައްކަތް މި ސާވޭގެ އެހީގައި ހޯދުމަށް ވަނީ ހަމަޖައްސައިފައި ކަމަށް ވެމްކޯއިން ބުންޏެވެ.
މީގެ އިތުރުން ވެމްކޯއިން ވަނީ އެ ކުންފުނިން ސާވޭ ކުރުމަށް މުވައްޒަފުން ދާނީ މެންދުރު 02:00 އިން ރޭގަނޑު 9:00އާ ދެމެދު ކަމަށް ބުނެފަ އެވެ. އަދި ވެމްކޯގެ މުވައްޒަފުން ސާވޭއަށް ވަޑައިގަންނާއިރު ވެމްކޯގެ މުވައްޒަފެއްކަން އަންގައިދޭ ކާޑެއް އަތުގައި އޮންނާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކާޑު ނުލައި ބަޔަކު ގޮސް ވެމްކޯގެ ސާވޭއެއް ކުރާ ކަމަށް ބުނެ މައުލޫމާތު ހޯދަން އުޅެފި ނަމަ 1666އަށް ގުޅައި އެކަން އެ ކުންފުންޏަށް އެންގުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ވެމްކޯއިން ވަނީ ވެމްކޯގެ އެއްވެސް މުވައްޒަފަކު ގޭގެ ދޮރުމަތިން ޕޭމަންޓެއް އެއްވެސް ކަސްޓަމަރެއްގެ އަތުން ނުނަގާނެކަމަށް ބުނެފައެވެ. އަދި މިކަމަށް އާންމުން ސަމާލުވުމަށް ވެސް އެކުންފުނިން ވަނީ އެދިފައެވެ.