ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތް 2022

ޗެމްޕިއަން ލަންކާ ބަލިކޮށް، ނޭޕާލަށް އުންމީދު

ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ސްރީ ލަންކާ އަތުން ނޭޕާލް މޮޅުވެއްޖެއެވެ.

އެންމެފަހުން 2016 ވަނަ އަހަރު ނޭޕާލުގައި އޮތް ސާބާ މުބާރާތާއި 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުގައިވެސް ލަންކާ އާއި ނޭޕާލް ވާދަކުރި އިރު، އެ ދެމެޗުގައިވެސް ލަންކާއިން ވަނީ ނޭޕާލް ބަލިކޮށްފައެވެ. މިރޭގެ މެޗަށް ނޭޕާލް ނުކުތީ އެ ދެބަލީގެވެސް ބަދަލު ހިފުމަށެވެ. އަދި ވަކިން ހާއްސަކޮށް މުބާރާތުގެ ޗެމްޕިއަން ކަމަށް އުންމީދުވެސް ދެމެހެއްޓުމަށެވެ.

ނޭޕާލުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އަތުން 51-47 އިން ބަލިވެފައިވާ އިރު، ލަންކާ އޮތީ ފުރަތަމަ މެޗުގައި ރޭ ބޫޓާން އަތުން 98-33 އިން މޮޅުވެފައެވެ.

މިރޭ ނޭޕާލް އަތުން ލަންކާ ބަލިވީ 49-55 ޕޮއިންޓުންނެވެ. އެ ނަތީޖާއާ އެކު ނޭޕާލަށް ވަނީ ތަށީގެ އުންމީދު އަނެއްކާވެސް ލިބިފައެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ލަންކާ އާއި ރާއްޖޭގެ އިތުރުން ނޭޕާލަށްވެސް މޮޅެއް ލިބިފައިވާ އިރު، ލަންކާ އާއި ނޭޕާލް ވަނީ މިހާތަނަށް ދެމެޗު ކުޅެފައެވެ. ރާއްޖެއިން އަދި މިހާތަނަށް އެއް މެޗު ކުޅެފައި އޮތް އިރު، މާދަމާ ރޭ ލަންކާ ބަލިކޮށް، މުބާރާތުގެ ރަން މެޑަލްއަށް އުންމީދު ބޮޑުކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ވަރުގަދަކޮށް ފެށީވެސް ނޭޕާލުންނެވެ. އެޓީމުން އެޓޭކްގައި ރަނގަޅު ކުޅުމެއް ދެއްކި އިރު، އެންމެ މޮޅުކޮށް ފެނުނީ ޕްރަތިކްޝާ މަގަރާއި އަނޫޝާ މައްލާ އަދި މުނާ މަހާރްޖަންއެވެ. ޑިފެންސިވްލީ ލަންކާ ވަރުބަލިކޮށް ފެނުނު އިރު، އެކަމުގެ ފައިދާ ނަގައި ޕްރަތިކްޝާ ވަނީ 21 ޕޮއިންޓް ނަގައި، ރީބައުންޑްގައިވެސް ގިނަ ޕޮއިންޓް ވިން ކޮށްފައެވެ. އަނޫޝާ 14 ޕޮއިންޓް ހޯދި އިރު، މުނާ ވަނީ ނުވަ ޕޮއިންޓް ސްކޯ ކޮށްފައެވެ.

ލަންކާ ޓީމަށް ފަސޭހަ ޕޮއިންޓްތަކެއް ގެއްލިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އެގޮތުން ފްރީ ތުރޯތަކާއި ރީބައުންޑްތަކުގައިވެސް ފަސޭހަ ބޯޅަތަކެއް ލަންކާ ކުޅުންތެރިން ފަރާތުން ގެއްލިގެން ދިޔައެވެ.

މާދަމާ ހަވީރު އޮންނަ މެޗުގައި ނޭޕާލުން ބޫޓާނާ ވާދަކުރާނެއެވެ. އެ މެޗު ފަށާނީ 3:30 ގައެވެ. މާދަމާ ރޭ 8:30 ގައި އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.