ރާއްޖޭގައި ރޭ ނިމިގެން ދިޔަ ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްރީ ލަންކާއިން ހޯދި އިރު، ދެވަނައާއެކު ރިހި މެޑަލް ހޯދީ ނޭޕާލުންނެވެ. ރާއްޖެއަށް މިފަހަރުވެސް ލިބުނީ ލޯ މެޑަލްއެވެ. އެއީ 2016 ވަނަ އަހަރުވެސް ރާއްޖެއިން ހޯދި ކާމިޔާބީ ނަމަވެސް، މިފަހަރުގެ ޓީމުން އުންމީދުތަކެއް ގެނުވިއެވެ. ހާއްސަކޮށް ފުރަތަމަ މެޗުގައި ނޭޕާލު ބަލިކޮށް ހޯދި ތާރީހީ ކާމިޔާބީވެސް ހަނދާން ކޮށްލަން ޖެހެއެވެ.
ސާބާ ދެ މުބާރާތުގެ އިތުރުން އަންހެން ބާސްކެޓް ޓީމުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގެވެސް ލޯ މެޑަލް ހޯދައިފައެވެ. ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި މިފަހަރުގެ މުބާރާތުންވެސް ލޯ މެޑަލް ހޯދީ ސްރީ ލަންކާގެ ކޯޗު ސުޕުން ވިމާލްގެ އިރުޝާދުގެ ދަށުންނެވެ.
މެޗަށްފަހު ސުޕުން ޓީމާ ވަކިވެފައިވާ އިރު، ރޭގެ މެޗަށްފަހު އޭނާ ބުނީ އުންމީދު ކުރީ ރަން މެޑަލްއަކަށް ނަމަވެސް އެކަން ނުކުރެވުނު ކަމަށާއި، އެކަމުގެ ޒިންމާ ނަގާނެ ކަމަށެވެ.
"އުންމީދުކުރީ ރަނަށް، އެހެން ނަމަވެސް ނިންމާލަން ޖެހުނީ ލޯ މެޑަލްއިން. އަހަރެން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ރަން މެޑަލް ހައްގު. އަހަރެންނަށް އެކަން ކޮށްދެވޭނެ ކަމަށް ހީވެސް ކުރިން. އެސޯސިއޭޝަނާއި ކުޅުންތެރިންގެވެސް މަސައްކަތަށް ރަނެއް ހައްގު. އަހަރެންގެ މިސްޓޭކެއް އެއީ އެ ހާސިލު ނުކުރެވުމަކީ،" ސުޕުން ބުންޏެވެ.
ސުޕުންގެ މަސައްކަތުން ރާއްޖޭގެ އަންހެން ބާސްކެޓަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ. އެކަން ސުޕުންވެސް ގަބޫލުކުރިއެވެ. އެއީ އުނދަގޫ ޗެލެންޖަކުން ޖީލެއްގެ ބިންގާ އެޅުނީތީއެވެ.
"މި ޓީމުގެ އެންމެ ޕޮސިޓިވް ކަމަކީ ޖީލެއް ބިނާ ކުރެވުން. މި ޓީމު ފެށީ 2019 ގައި. އޭރު ތިބީވެސް އެންމެ އަށްވަރަކަށް ކުޅުންތެރިން. އެތައް ކޯޗުންނެއް މި ޓީމަށް ނޫނެކޭވެސް ބުނި. އެމެރިކާގެ ކޯޗަކަށްވެސް މިކަމެއް ނުވި. ލޯކަލް ކޯޗުންނަށްވެސް މިއީ ޗެލެންޖަކަށްވި. އެ ހިސާބުން އަހަރެންނާ ޓީމު ހަވާލުވީ. އެ ހިސާބުން އަހަރެން ޗެލެންޖާ ކުރިމަތިލައި، އޭގެ ފަހުންވެސް ދެ މެޑަލް ހޯދިއްޖެ. އަދި ބައިނަލްއަގުވާމީ 17 މެޗު ކުޅެ، 11 މެޗުން މޮޅުވެވިއްޖެ،" ލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ބުންޏެވެ.
ކޯޗު ސުޕުން ބުނީ އެ ހުރިހާ ކަމެއް ހާސިލުވީ ޓީމުގެ ހުރިހާ ކާމިޔާބީގެ ހިއްސާއަކީ ކުޅުންތެރިންގެ ހިތްވަރާއި، ކުޅުންތެރިން ވީ ގުރުބާނީގެ އިތުރުން އެސޯސިއޭޝަންގެ މަސައްކަތް ކަމަށެވެ. އެހެންކަމުން ހުރިހާ ކްރެޑިޓެއް ހައްގުވަނީ އެސޯސިއޭޝަނާއި ކުޅުންތެރިންނަށް ކަމަށް ސުޕުން ބުންޏެވެ.
އޭގެ އިތުރުން މިފަހަރުގެ ސާބާ މުބާރާތަށް ރާއްޖެއިން ވީ ތައްޔާރީތަކަށްވެސް ސުޕުން ވަނީ މަރުހަބާ ކިޔައިފައެވެ. އޭނާ ބުނީ ޔޫތު މިނިސްޓްރީއާއި އެސޯސިއޭޝަނުން މުބާރާތް އިންތިޒާމު ކޮށްފައިވަނީ ފުރިހަމައަށް ކަމަށެވެ. އެގޮތުން އޭނާވެސް ގާތްގަނޑަކަށް 40 އަށްވުރެ ގިނަ ގައުމުތަކުގެ އެކިއެކި މުބާރާތަށް ގޮސްފައިވާ ކަމަށާއި، މިއީ ކެރިއަރުގެ ގާތްގަނޑަކަށް 28 ވަނަ މުބާރާތަށްވީ އިރު، ރާއްޖެއިން ފެނުނު ފަދަ އިންތިޒާމުތައް ފެނުނީ މަދުން ކަމަށެވެ.