ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތް 2022

އެންމެފަހުގެ ޗެމްޕިއަން ލަންކާއަށް ބޫޓާން ކައިރިން ބޮޑު މޮޅެއް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި އިއްޔެ ފެށި ސައުތު އޭޝިއަން ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ސްރީ ލަންކާއިން ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށްފިއެވެ.

މިރޭ ކުޅިވަރު އެކުވެނީގައި ކުޅުނު މެޗުން ލަންކާ މޮޅުވީ 98-33 ޕޮއިންޓުންނެވެ. މެޗު ފެށިގެންގޮސް ފަހު ވަގުތާ ހަމައަށްވެސް ލަންކާ ޓީމު ފެނުނީ ރަނގަޅަށް އޯގަނައިޒްކޮށް، ފޯމު ދަމަހައްޓަމުން ދިޔަ މަންޒަރެވެ. ހާއްސަކޮށް ބޫޓާން ޓީމަކީ ޒުވާން ތަޖުރިބާ މަދު ޓީމަކަށްވެފައި، އިސްކޮޅުންވެސް ލަންކާއަށްވުރެ ކުރު ކުޅުންތެރިން ގިނަ ޓީމެއްކަމުން، މެޗު ލަންކާއިން ފަސޭހަކަމާއެކު ކާމިޔާބު ކުރިއެވެ.

ބޫޓާނުން މެޗުގައި ޑިފެންސިވްލީ ރަނގަޅަށް ފެނުނު ނަމަވެސް އެޓީމަށް ނިންމާލުންތަކުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. ޓީމަށް އެންމެ ރަނގަޅަށް ޕޮއިންޓް ނަގައިދިން ކުޅުންތެރިންގެ ތެރޭގައި ޒުމްސެލް އާއި ސޯނަމް ހިމެނުނެވެ. ޒުމްސެލް 10 ޕޮއިންޓް ނަގައިދިން އިރު، ސޯނަމް ވަނީ ނުވަ ޕޮއިންޓް ނަގައިދީ، ހަ ސްޓީލް ފުރިހަމަކޮށް، 10 ރީބައުންޑްވެސް ފުރިހަމަ ކޮށްފައެވެ.

ބޫޓާން ޓީމުގެ ފަހަތުން ހަލުވި ކުޅުންތެރިން ފެނުނެވެ. ޓްރާންސިޝަންތަކުގައި އަވަސްކޮށް ބޫޓާން ފެނުނު ނަމަވެސް ކުރިއަށްދާ ބޯޅައިގައި ރަނގަޅަށް ނިންމާލަން އުނދަގޫތަކާ ކުރިމަތިވިއެވެ. ހާއްސަކޮށް ލަންކާގެ ފަހަތުން ގާޑް ކުރި ކުޅުންތެރިންގެ އިސްކޮޅުގެ ސަބަބުން ބޫޓާނަށް އެންމެ ރަނގަޅަށް ޕޮއިންޓް ނެގިފައެއް ނުވެއެވެ.

ސްރީލަންކާގެ އެބްސީބާ އާއި ބެނިކާގެ އިތުރުން ރަޝްމް އަދި ނިރްމާގެ ތަފާތު ކުޅުން ފެނިގެން ދިޔަ އިރު، އެ ހުރިހާ ކުޅުންތެރިންވެސް ވަނީ 10 ޕޮއިންޓަށްވުރެ މަތިން ސްކޯ ކޮށްފައެވެ. އެޕްސިބާ 17 ޕޮއިންޓް ނެގި އިރު، ބެނިކާ ވަނީ 14 ޕޮއިންޓް ނަގައިފައެވެ. އަދި ރަޝްމްވެސް ވަނީ 10 ޕޮއިންޓް ޓީމަށް ހޯދައިދީފައެވެ.

ލަންކާ ޓީމުން މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 33 ޕޮއިންޓް ހޯދި ނިރްމާއެވެ. އޭނާގެ 70 ޕަސެންޓް ފްރީ ތުރޯތައްވެސް ކާމިޔާބުކޮށް ފެނުނު އިރު، އޭނާ ވަނީ ހުރިހާ ރޭންޖަކުންވެސް ޕޮއިންޓްތައް ނަގައިފައެވެ. ލަންކާއިން އެޓީމުގެ އިސްކޮޅުން ދިގު ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ކުރިތަން ފެނިގެން ދިޔަ އިރު، ދެވަނަ ބޯޅަތަކަށް އަރައިގެން އެކަނިވެސް 29 ޕޮއިންޓެއް ހޯދިއެވެ.

މިފަހަރުގެ ސާބާ އަންހެން މުބާރާތުގައި ހަތަރު ޓީމުން ވާދަކުރެއެވެ. އެއީ ބޫޓާނާއި ލަންކާގެ އިތުރުން ރޭ ކުޅުނު ރާއްޖެ އާއި ނޭޕާލެވެ. ރޭގެ މެޗު ރާއްޖެއިން ކާމިޔާބުކޮށް ނޭޕާލުގެ މައްޗަށް ތާރީހީ މޮޅެއް ހޯދާފައިވާ އިރު، ލަންކާ ދެން ކުޅެން ޖެހޭނީ ނޭޕާލާއެވެ. އެންމެފަހުން 2016 ވަނަ އަހަރު އޮތް ސާބާ މުބާރާތާއި 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުގައިވެސް ލަންކާ އާއި ނޭޕާލް ވާދަކުރި އިރު، މިފަހަރު އެ ދެޓީމުގެ ކުރިމަތިލުން އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.

ރާއްޖެ ދެން ކުޅޭނީ ބުދަ ދުވަހުގެ ރޭ ލަންކާއާ ދެކޮޅަށެވެ. އެދުވަހު ހަވީރު ބޫޓާނުން ނޭޕާލާ ދެކޮޅަށް ކުޅޭނެއެވެ.