ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަވަހާރަކޮށްލުމަށް ގެނައި ސްނައިޕަރެއް ކަމަށްބުނެ ރާއްޖެއިން ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާގެ މައްސަލައަށް ވީހާވެސް އަވަހަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްވާފައިވާ ކަމަށް ސްރީލަންކާގެ ކުޅިވަރާބެހޭ ވަޒީރު ފައިޒަރު މުސްތަފާ ވިދާޅުވެއްޖެއެވެ.
ލަންކާގެ ކުޅިވަރާބެހޭ ވަޒީރު މުސްތަފާއާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނާގޮތުގައި ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރޭވި މައްސަލައިގައި ސްނައިޕަރެއް ކަމަށްބުނެ 2015 ވަނަ އަހަރު ހައްޔަރުކުރި މަދުޝަންކާއަކީ ވަޒީފާއެއް ހޯދުމުގެ މަގްސަދުގައި ރާއްޖެއަށް ދިޔަ މީހެކެވެ. މުސްތަފާ ވަނީ ދާދިފަހުން ރާއްޖެއަށް ވަޑައިގެން އިބޫއާ ބައްދަލުކުރައްވައިފައެވެ.
"ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ތުހުމަތުކޮށްފައިވަނީ އެއީ ސްނައިޕަރެއް ކަމާއި އޭނާއަކީ ކުރިން ސިފައިންގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށް. އޭނާ 2015 ވަނަ އަހަރު ހައްޔަރުކުރުމަށް ފަހު އަދިވެސް ހުރީ ޖަލުގައި. މަދުޝަންކާއަށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބޭ. އަދި ވަކީލެއް ވެސް ހަމަޖައްސައިދީފައެއް ވެސް ނުވޭ،" ލަންކާގެ ވަޒީރު މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ މަދުޝަންކާއަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލުން ރިޕޯޓެއް ވެސް ނެރެފައިވާ ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާގެ އެދިވަޑައިގެންނެވުމުގެ މަތިން ރާއްޖޭގެ އިންތިހާބީ ރައީސް އިބޫއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު އިބޫއަށް ދެންނެވިން މަދުޝަންކާ ކުރިން ސިފައިންގެ މަސައްކަތުގައި އަދި އެއްވެސް ސެކިއުރިޓީ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް. އަދި އޭނާ ހައްޔަރުކޮށް، ފިޔަވަޅު އެޅުމަށް ހެކިތަކެއް ވެސް ހޯދިފައިނުވާ ކަމަށް ދެންނެވިން،" އޭނާ ވިދާޅުވިއެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި، ހައްލެއް ހޯދުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވި ކަމަށެވެ.
ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މަދުޝަންކާގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާކުރީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ސްނައިޕަރަކު ލައްވާ ރައީސް ޔާމީން އަވަހަރާކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި މަދުޝަންކާގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފަޒީލް ހަމީދު (ލޮރިއްޕެ)ގެ އިތުރުން އިސްހާގު ހުސެއިން (ސާގޭ)ގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ދައުވާ ކޮށްފައެވެ. އަދީބާއި ފަޒީލްގެ އިތުރުން އިސްހާގުގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މެރުމަށް ރޭވުމުގައި ބައިވެރިވުމުގެ ދައުވާއެވެ.