ވީހާލެއްގައި ވެގެންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު އަދި އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު ހުސެއިން ވަނީ ޕީއެންސީގެ ވަގުތީ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރު ކޯލިޝަނެއް މިހާރު ނެތް ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ކޯލިޝަން އުވިގެން ނުދާނެކަމަށް ވިދާޅުވެފައެވެ. އަދި ޖޭޕީގެ އަސްލު މެންބަރަކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ވޯޓު ނުދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޖޭޕީގެ މެންބަރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ވޯޓު ނުދެއްވާނެ ކަމަށް މިނިސްޓަރު ހުސެއިން ވިދާޅުވި ނަމަވެސް ހުކުރު ދުވަހުގެ ރޭ ޖޭޕީގެ ފަރާތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން ކުރިމަތިލާ ދާއިރާތައް ނޫން އެހެން ދާއިރާތަކުން ތާއީދު ކުރާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ.