ޚަބަރު

ޕީޕީއެމް، ޕީއެންސީގެ ފިކުރާއެކު ނުދާނަން: ޖޭޕީގެ ރައީސް

އިބްރާހިމް ޒަކީ

އިސްލާހީ މަސައްކަތުގައި ގުރުބާންވި މީހުން ދޫކޮށް، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ގެ ފިކުރާއެކު ނުދާނެ ކަމަށް ޖޭޕީގެ ރައީސް ގޮތުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަައި، ޕީޕީއެމް ޕީއެންސީއާއެކު ކުރިއަށް ދިއުމަށް ނިންމައި ސަރުކާރާއެކު މައްސަލަތަކެއް އޮތްކަން، ފާހަގަ ކުރައްވައި، ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވާހަކަ ދައްކަވާފައި ވަނިކޮށް، އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާ ހުވައިކުރައްވައިގެން ހުންނެވީ، ރައްޔިތުންނަށާއި، ގައުމަށާއި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އިހުލާސްތެރިކަމާއެކު ވަފާތެރިވުމަށް ކަމަށެވެ.

"މާތް ﷲ ގަންދީ ހުވައިކޮއްގެން މިހުރީ، ދިވެހި ރައްޔިތުންނަށާއި، ދިވެހި ގައުމަށާއި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް އިހުލާސްތެރިކަމާއެކު ވަފާތެރިވުމަށް. އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖޭޕީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫންއަށް ނިސްބަތްވާ އެމްއާރުއެމް ގެ މީހުން ދޫކޮށް ޕީޕީއެމް/ޕީއެންސީ ގެ ފިކުރާއެކު ނުދާނަން. ސަރުކާރު ދިފާއު ކުރާނަން،" އަލީ ވަހީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު، ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އެންވާރަމެންޓް މިނިސްޓަރު ޑރ.ހުސެއިިން ރަޝީދު ހަސަން ވެސް ވިދާޅުވެފައިވަނީ، އަސްލު ޖޭޕީގެ މީހަކު މަޖިލީހުގެ އިންތިހާބު ގައި، ޕީޕީއެމް/ޕީއެންސީ އަށް ވޯޓުވެސް ނުދެއްވާނެ ކަމަށެވެ.