ޚަބަރު

ފަސް އަހަރު މަޑުނުކުރެވޭނެކަމަށް ނަޝީދު އަޅުގަނޑު ކައިރީގަ ވިދާޅުވި: ގާސިމް

އިބްރާހިމް ޒަކީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެންދެން މަޑުނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށާއި، އެހެން ވިދާޅުވެ ރައީސް ނަޝީދު މިހާރު މަސައްކަތް އެކުރައްވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ކަމަށް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހުރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕިން ކުރިއަށްއޮތް ރައްޔިޔުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ދާއިރާތަކާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ޖޭޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ވެރިކަމުގެ ފަސްއަހަރުގެ ދައުރު ނިމެންދެން ނުހުންނެވޭނެކަމަށް ރައީސް ނަޝީދު ދެންނެވީ ގާސިމް އަރިހުގައި ކަމަށެވެ.

ރީތިކޮށް، ސާފުކޮށް ބުނިވެސްމެ އަޅުގަނޑުމެން ކައިރީގަ، ތިމަންނަ ބޭނުންވަނީ، ތިމަންނައަށް ފަސްއަހަރުވަންދެން ނުހުރެވޭނެއޭ އަޅުގަނޑު ކައިރީގަ ބުނި، ޔޫރަޕްގަ ހުއްޓަ ފޯނު ކޮށްގެން އަޅުގަނޑު ދެންނެވިން އެހެން ނަހައްދަވާށޭ ކަމަކު ނުދާނެނޫންހޭ މިހެން މިހެން ހަދާށޭ އެއްގޮތަކަށްވެސް ގަބޫލު ކުރާގޮތެއްނުވި އެއީ ވާހަކައަކީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބަޔަކު ބަޣާވާތް ކުރިކަމަށް އެމަނިކުފާނު ވާހަކަ ދައްކަވާއިރު، މިހާރުގެ ސަރުކާރު ހަލާކުކޮށްލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލުމަށް ރާވާ ރޭވުމެއްގެ އަޑީގައި ރައީސް ނަޝީދު ހުންނަވަ ފާނެކަމަށް ގާސިމް ތުހުމަތުވެސް ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ރާއްޖޭގެ ވެރިކަން ބައުލަމާނީ ނިޒާމަށް ބަދަލު ކުރައްވައި، ބޮޑުވަޒީރެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވައްޓައިލުމަށް މިކުރާ ހުރިހާ ރޭވުމެއްގައި އަޑީގަ ރަނގަޅައްވިއްޔާ ހުންނާނީ އޭނާ އިނގޭތޯ؟ އަޅުގަނޑުމެން އަދި ކަމެއްކުރާވާހަ އެނިގެނެއްނޫން. ހަމަގައިމުވެސް ނުކޮށެއްް ނުހުންނާނެ. މިހާރު ބަރުލަމާނީ ވެރިކަމެއް ގެންނަން މިއުޅެނީ ކީއްވެގެންތޯ؟ އިބްރާހިމް މުހައްމަދު އޯލިހު އެއީ މަޖިލިސް މެންބަރެއްނޫން، ރައީސް ނަޝީދު އެއުޅުއްވަނީ ރައީސްކަން ކުރައްވައިފަ ރައްޔިތުންގެ މަޖިލިސްގެ މެންބަރަކަށް އަންނަން، އައިމަ ދެން ކިހިނެއްތޯ؟ އެކަން ތައްތައް ވެގެންދާނީ، ބަރުލަމާނީއަކަަށް ބަދަލުވީމަ އޭނަ އަމިއްލައަށް ޕްރައިމިނިސްޓަރަކަށް ވާންވެގެން އެއުޅުއްވަނީ،" ގާސިމް ވިދާޅުވި އެވެ.