ޚަބަރު

ގާސިމް، ނަޝީދަށް: ގާނޫނީ ޚިދުމަތުގެ ބިލު އެޖެންޑާއެއް ނުކުރާނަން

އިބްރާހިމް ޒަކީ

1

ގާނޫނީ ހިދުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ނުކުރަނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ މެމްބަރު ލަތީފާ ގާސިމްގެ މަސްލަހަތު ހިމާޔަތްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީސް ގަޑުބަޑު ކުރެއްވުމަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެބިލް އެގޮތަށް އޮއްވައި ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ނުކުރައްވާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޛޭޕީން ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި އެ ބިލާބެހޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ބިލް އޮތީ ގާނޫނުއަަސާސީއާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ގާސިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވިހާ ދުވަހަކު ގާނޫނީ ހިދުމަތުގެ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާ ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ގާނޫނީ ހިދުމަތުގެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާ ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް ބާ އެސޯސިއޭޝަނަށް ދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އެ ބިލު އެކުލަވާލާފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ މެމްބަރު ލަތީފާ ގާސިމްގެ ދައުރު ހަމަ ނުވަނީސް އޭނާގެ މަގާމު ގެއްލޭ ގޮތަށެވެ.

އިއްޔެ އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެ ބިލް އޮތް އިރު، މަޖިލީހުގެ ތަޅުމަށް އެ ބިލް ހުށަނޭޅިގެން އުޅެނީ ލަތީފާގެ މަސްލަހަތު ހިމާޔަތް ކުރަން ގާސިމް ކުރައްވާ މަސައްކަތުން ކަމަށެވެ. އަދި އެއީ ރައީސް ސޯލިހުގެ ސަރުކާރުން ހުށަހަޅުއްވާ އެންމެ މުހިއްމު އެއްބިލު ކަމަށްވެސް ވިދާޅުވި އެވެ.

"އެ ބޭފުޅާގެ މަސްލަހަތު ސަލާމަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޅުގަނޑުމެން ހުށަހަޅާފައިވާ އެ ބިލް ތަޅުމަކަށް ނުއެއް ގެންނެވި، އެހެންވީމާ ކޮންމެހެން ވެސް މި ދަންނަވާ ޖިންސުއް ލަތީފާގެ ކަންކަން، އެ ބޭފުޅާގެ މަސްލަހަތު ހިފަހައްޓަވަން މުޅި ރައްޔިތުންގެ މަޖިލިސް ގަޑުބަޑު ކުރަމުން އެ ގެންދަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުމްހުރީ ޕާޓިގެ ލީޑރު ގާސިމް އިބްރާހިމް ރޭ ވިދާޅުވީ، ޖޭއެސްސީ އަށް ހޮވޭ މެންބަރެއްގެ ދައުރުގެ އުމުރަކީ ފަސް އަހަރުކަން ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ. އެކަން އެހެން އޮއްވައި ގާނޫނުއަސާސީ އިސްލާހު ނުކޮށް ގާނޫނަކުއެކަން އުނި ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އޮވޭ ޖޭއެސްސީއަށް ހޮވޭ މެންބަރެއްގެ ދައުރުގެ އުމުރަކީ ފަސް އަހަރު ދުވަސްކަމަށް. އެކަން އެހެއް އޮއްވައި، ހަދާ ގާނޫނަކުންނެއް ކިހިނެއްތޯއޭ ގާނޫނުއަސާސީން ދީފަ އޮތް މެއިންޑޭޓް އުނިކޮށްލަނީ، ގާނޫނުއަސާސީ ބަދަލު ނުކޮށް، އިސްލާހު ނުކޮށް. ވިދާޅުވެބައްލަވާ އަޅުގަނޑު ލަތީފާ ގާސިމް ގެންނަންންވެގެން ނޫނީ އެހެންކަމެއްކުރަންވެގެން ތޯ؟ މިކަން މިކުރަނީ. އެކަމަނާ އެމައްސަލަ ހުށަހެޅުއްވީމާ އަޅުގަނޑަށް ނުވެސްއެނގޭ އޭރަކު އެންމެ ފުރަތަމައިންނުނެއް. އަޅުގަނޑު އަޅުމަނޑުމެންގެ ކައުންސެލް ޖެނެރަލް އަށް ހުށަހަޅައިވާހަކަ ދެއްކީމަ ކައުންސެލް ޖެނެރަލް ވިދާޅުވި އެހާބޮޑު ނުބައެއްނެތޭ، ފުރަތަމަ ވިދާޅުވީ އެހެން. ފަހުން ވިދާޅުވީ ގޯސްތަކެއް އެބަހުއްޓޭ، އެހެންވީމަ އެހިސާބުން އަޅުގަނޑަށް ޖެހުނީ އެ ބިލް ފޮނުވާލަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ ބިލް މަޖިލީހުން ފާސްކުރަންޏާ ފުރަމަ ކުރަންޖެހޭ ކަމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށެވެ.

"އެބޭފުޅުން ގާނޫނުއަސާސީއަށް އިސްލާހް ހުށަހަޅަންވީނޫންތޯ؟ އޭރުން އަޅުގަނޑު ބަލައިގަންނާނަން،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟