އަމީތާބް ބަޗަން

ބަދްލާ ރިލީސް ނުވަނީސް ލީކް ކޮށްލައިފި

އަމީތާބް ބަޗަން އަދި ތާޕްސީ ޕަންނު ލީޑް ރޯލުން ފެނިގެންދާ ފިލްމު ބަދްލާއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް ފިލްމު ރިލީސް ކުރުމުގެ ކުރިން އޮންލައިން ސައިޓް ތަކުގައި ފިލްމު ލީކުކޮށްލައިފިއެވެ.

އަށެއް މާރޗްގައި ބަދްލާ ރިލީސްކުރިޔަސް، އޭގެ ކުރިން ފިލްމު ލީކް ކޮށްލައިފައި ވުމުން ގިނަ ބަޔަކު ވަނީ ހިލޭ ފިލމު ބަލައިފަ އެވެ. މިހެން ކަން ދިމާވުމުން ފިލްމު އުފެއްދި ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ ފިލްމު ބަލަން ތިއޭޓަރުތަކަށް ދާނެ މީހުން މަދުވާނެތީއެވެ.

ފިލްމު ލީކްކޮށްލާފައިވާ ސައިޓަކީ ފަހަކަށް އައިސް ގިނަ ހިންދީ ފިލްމުތަކެއް ލީކް ކުރަމުންދާ ސައިޓެކެވެ. އެ ފިލްމުތަކުގެ ތެރޭގައި "މަނިކަރްނިކާ"، "ގުލީ ބޯއީ" އަދި "ކެޕްޓަން މާވެލް" ހިމެނެއެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން އެ ސައިޓުން ޓެމިލް، ޓެލިގު، މަލަޔާޅަމް ފިލްމުތައްވެސް ދަނީ ލީކް ކުރަމުންނެވެ. އެ ސައިޓަށް ވަނީ އެކަން ހުއްޓާލުމަށް ގިނަ އިންޒާރުތަކެއްވެސް ދީފައެވެ. ނަމަވެސް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ.

ބަދްލާ އަކީ ރެޑް ޗިލީސް އެންޓަޓެއިންމަންޓް އާއި އަޒުރް އެންޓަޓެއިންމަންޓް ގުޅިގެން އުފެއްދި ފިލްމެކެވެ. ފިލްމުގެ ކޯ ޕްރޮޑިއުސަރުންނަކީ ޝާހުރުކް ޚާންގެ އަންހެނުން ގޯރީ ޚާން، ސުނިރް ކެޓަޕަލް އަދި އަކްޝައޮ ޕޫރީ އެވެ. ކްރައިމް ތްރިލާ އެއްގެ މައްޗަށް ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ސުޖޯއީ ގޯޝްއެވެ. ފިލްމުގައި އަމިތާބް އަދި ތާޕްސީގެ އިތުރުން އަމްރިތާ ސިންގުވެސް ލީޑް ރޯލުން ފެނިގެންދެއެވެ.