ޚަބަރު

ބޮމެއް އޮތް ކަމަށްބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

މުހައްމަދު އިޝާން

ގަން އިންޓަނޭޝަނަލް ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ، އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުގެ ބަދަލުގައި ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތަށް ފުލުހުން އަމަލުކުރި ސަބަބެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، އިއްޔެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލަ އެމްއެންޑީއެފްއާ ހިއްސާކުރި ކަމަށެވެ. އަދި އެމްއެންޑީއެފް އެ މީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އެފަދަ އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.