ބަޣާވާތެއް ކުރެއްވިއްޔާ، ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަަށްދާ ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ދެންވެސް ބަޣާވާތެއް ކުރެއްވިއްޔާ ކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ.
"އެއްވެސް އިރަކު ބަޣާވާތް ކުރިކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ބަޣާވާތް ކުރެއްވިއްޔާ ކުރެއްވީ ރައީސް ނަޝީދު. ރައީސް ނަޝީދަށް ސަރުކާރެއް ހިންކަންނޭނގިގެން އޭނަ އަމިއްލައަށް އަތްދޯއޭކިޔައިފަ މުސާރަދޭނެގޮތް ނޭގިނގެން، އަސްލު ހަގީގަތަކީ އެއީ. އޭނާ އަމިއްލައަށް އެގަނޑުގަތްފަ އެގޮތަށް ނިންމަވާލެއްވީ، އެހެންމީހުންގެ ބޮލުގަ ބަދުނާމު އަޅުވަނީ. އަސްލުގަ ވީގޮތަކީ އެއީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް މި މޭރުމުން ވާހަކަ ދެއްކެވީ، އައްޑޫ ސިޓީ ހުޅުދޫގައި މިއަދު ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން ބަޣާވާތްކުރާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލިފަދަ މަންޒަރު މިހާރު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ 2008 ވަނަ އަހަރާއި 2012 އަހަރާއި ދެމެދު ވަރަށް ސާފުކޮށް ފެނިފައި އޮތް މަންޒަރެއް ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ 2008 ގައި ދިމާވި ފަދަ ހާދިސާއެއް ތަކުރާރުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ސުޕްރީމް ކޯޓާއި ޖޭއެސްސީގައި ތަޅު އެޅުވީ ރައީސް ނަޝީދަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާތީ ކަމަށާއި، ސިވިސްސާވަންޓުންނަށް މުސާރަ ދޭނެގޮތް އެނގިވަޑައިނުގަންނަވައިގެން، ރައީސް ނަޝީދު އުޅުއްވި ކަމަށާއި، އެންމެފަހުން ސިފައިންނާއި ފުލުހުންނަށް ހަމަޖެއްސެވި އިނާޔަތްތައް ކަނޑުވައްވާލެއްވީވެސް ރައީސް ނަޝީދު ކަމަށެވެ.
އަދި އޭރު އިދިކޮޅު ފަރާތްތަކުން ފަނޑިޔާރުގެ ދޫކޮށްލަން ގޮވާލަމުން ނިކުތީ އެ މައްސަލައިގައި ލިބުނު ނިކަމެތި ކަމުގައި މީހުންގެ އިތުބާރު ގެއްލި، ގޮތް ހުސްވުމުންކަމަށެވެ.
"ސުޕްރީިމް ކޯޓުގައި ތަޅުއަޅުވައި ޖޭއެސްސީގަ ތަޅުއަޅުވައި އަނެއްކަމެއްކުރީ ކަމެއްކުރަން ނޭނގޭތީ. މުސާރަ ދެވޭނެގޮތެއް ނޭނގިގެން އަމިއްލައަށް މުސާރަ ނުދެވިގެން މުވައްޒިފުންގެ މުސާރަތައް ކަންޑައި ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސްގެ ބޭފުޅުންނަށް މުސާރަ އިތުރުކޮށްދޭން ބުނީމަ އެކަންވެސް ނުކޮށް ސިފައިންނާއި ފުލުހުންނަށް ދިން އިނާޔަތްތަކާ އެއްޗެހި ކުޑަކޮށް، ތިރިކޮށްހަދާހަދާ އެންމެފަހުން ބޯހާސްވެގެން މީހާ އަވަހަށް އިސްތިއުފާ ދޭންވެގެން ރާވައިގެން އެހެންމީހުންގެ ބޮލުގައި މ،ަޅިއެއް އެޅުވީ މީ ހަގީގަތަކީ. ކާކުތޯ އެތާ ބަޣާވާތްކުރީ. އެލިބުނު ނިކަމެތިކަމާވޭނުގައި މީހުންގެ ކޮންފިޑެންޓް ގެއްލިގެން ދިޔައީ، ދިޔައިމަ އިދިކޮޅަށްތިބި މީހުން ނިކުމެ މަސައްކަތްކުރީ ފަނޑިޔާރުގެ ދޫކޮށްލަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް އަކީ ބާޣީންކަމަށް ހަދައިގެން އެކަމުގެ އިސްމީހަކީ ގާސިމް ކަމަށް ދައްކައިގެން ރައީސް ނަޝީދު ރައްޔިތުންގެ ބޮލަށް ވަކި އެއްޗެއްވައްދަން މަސައްކަތް ކުރަމުންދާކަމަށެވެ.
"މިއަދުވެސް ބާޣީ، ބާޣީ ކިޔައިގެން މިއިންނެވި ޖަމީލް އާއި ނާޒިމު އާއި އަބުދުﷲ ރިޔާޒު އާއި މި ހުރިހާބޭފުޅުންގެ ބޮލުގައި ބަދުނާމު އަޅުވަމުން ދާއިރު އަޅުގަނޑުމީ އޭގެ ބޮޑުމީހާކަމަށް ހަދައިގެން ވާހަކަ ދައްކަމުންދަނީ ރައްޔިތުން ބޮލަށް ހަމަ ވަކިއެއްޗެއް ވައްދައިދޭން މަސައްކަތް ކުރަނީ،" ގާސިމް ވިދާޅުވިއެވެ.