އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މަރްޔަމް ޝަފީގު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމަށް ބަދަލުކޮށް، އެމަގާމުގައި ހުންނެވި އިސްމާއީލް އައްޒާމް ވަޖީހު، އާސަންދަގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އެންސްޕާގެ ސީއީއޯގެ މަގާމަށް މަރްޔަމް ޝަފީގު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. މަރްޔަމް ޝަފީގު ވަނީ މީގެ ކުރިންވެސް އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވައިފައެވެ.
ރައީސް އޮފީހުން ބުނީ މަރްޔަމް ޝަފީގު އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގުމު ފުރުއްވަމުން ގެންދެވި އިސްމާއިލް އައްޒާމް ވަޖީހު މިއަދު އިސްތިއުފާދެއްވާފައި ވާތީ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި މަރްޔަމް ޝަފީގު، އެމަގާމުން ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށާއި އެމްޑީގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަންކޮށްފައިވާ ކަމަށެވެ.
ޕީސީބީން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެމްބަރުން އައްޔަންކޮށް، ވަކިކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިންނެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަރްޔަމް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހުއެވެ. އާސަންދަ ކުންފުންޏަށް އައްޔަންކުރުމުގެ ކުރިން މަރްޔަމް ވަނީ އެލައިޓް އިންޝުއަރެންސް ކުންފުނީގެ ޓެކްނިކަލް މެނޭޖަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ވަނީ އައިޖީއެމްއެޗުގައި ވެސް މަސައްކަތްކުރައްވައިފައެވެ.
އާސަންދަށް ކުންފުންޏަށް އަލަށް އައްޔަންކުރެއްވި އައްޒާމް ކުރިން ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމަށް އޭނާ ހަމަޖެއްސީ 2017 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.