ޚަބަރު

މަޖިލިސް ހިންގަނީ ވައުދުވީގޮތަށް ނޫންކަމަށް ރައީސް ވިދާޅުވުމުން ގާސިމް ރައްދު ދެއްވައިފި

އިބްރާހިމް ޒަކީ

2

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގަނީ ރިޔާސީ އިންތިހާބުގެތެރޭގައި ވައުދުވި ގޮތަށް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެކަމާ ދެކޮޅު ހައްދަވައި ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީން މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިންގަމުންގެންދަނީ އިހްލާސްތެރި ކަމާއެކު ގާނޫނުއަސާސީއާ އެއްގޮތަށްކަމަށެވެ.

"އަޅުގަނޑު ވަރަށް ހިތާމަކުރަން މިއަދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ހިނގަމުންދަނީ ވައުދާ އެއްގޮތަކަށެއްނޫނޭ ދެންނެވީމަ. އަޅުގަނޑު ހަމަ ވަރަށް އިހްލާސްތެރިކަމާއެކު ދަންނަވާލަން. އަޅުގަނޑު މިގެންދަނީ ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އަދި އެ މަޖިލިސް ހިންގެވުމަަށް އޮންނަ ގަވާއިދުގެ މަތިން. އަޅުގަނޑަކަށެއް ނުކުރެވޭނެ މަޖިލީހުގެ ކަންތައްތައް ގާނޫނުއަސާސީއާ ހިލާފަކަށް،" އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ގާސިމް ވިދާޅުވިއެވެ.

ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ ސަރުކާރު ހޮވުމަށް ދިވެހި ރައްޔިތުން ވޯޓް ދެއްވީ ގުޅިގެން ވީ ވައުދުތައް ފުއްދަން ކަމަށެވެ. ނަމަވެސް އެކަން މިހާރު ނުފެންނަ ކަމަށާއި ރައްޔިތުންގެ މަޖިލިސްވެސް ކުރިއަށްދަނީ އެގޮތަށް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިޝާރާތް ކުރެއްވީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް މަޖިލީހުން ފާސް ނުކޮށްދިން މައްސަލައަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައިވީ ވައުދުތައް އޮތީ އޮތްތާ ކަމަށާއި އެކަން ފުއްދުމަށް މަޖިލީހުގެ ތެރެއިން އެއްވެސް މަސައްކަތެއްކޮށް ނުދެއްވާ ކަމަށެވެ.

ރައީސްގެ އެ ވަާހަކަފުޅުތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ތަކަކީ، ގާނޫނުއަސާސީގައި ބުނެފައިވާގޮތަށް ވެރިކަން ހިިންގާ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި ޖަވާބުދާރީކޮށް ފިޔަވަޅު އެޅުން ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީއާ ހިލާފަށް، ސަރުކާރުން ބޭނުންވާހާގޮތަކަށް، ބޭނުންވާހާބިލެއް، ބޭނުންވާހާ ވަގުތަކު، ފޮނުވުމުން ފާސްކޮށްދެވެން ނޯންނަކަމަށް ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 70 ވަނަ މައްދާގެ 3 ގައި މި ބުނަނީ ވެރިކަން ހިިންގާ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުން އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާގޮތުގެމަތިން ފިޔަވަޅުތައް އެޅުން. އެހެންވީމާ ގާނޫނު އަސާސީއާ ހިލާފަކަށް ސަރުކާރުން ބޭނުންވާހާގޮތަކަށް، ބޭނުންވާހާ ބިލެއް ސަރުކާރުން ބޭނުންވާހާ ވަގުތެއްގަ ފޮނުވީމަ އަޅުގަނޑުމެންނަށް ފާސްކޮށްދެވޭގޮތަކަށެއްނޫން މިއޮންނަނީ،" ގާސިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟