ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯތައް ލަމުންދަނިކޮށް ހައްޔަރުކުރި، ގ. ކަމަރާގެ/ މުހައްމަދު ނަބީލު (ޔާޔާ ނަބީލު) 37އ، އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޓިކްޓޮކް މެދުވެރިކޮށް ޖިންސީ ގުނަވަން ދެއްކުމާއި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާ މައްސަލާގައި ނަބީލު ހައްޔަރުކުރީ މިމަހު 12 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ނަބީލްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ އޮރިޔާންކާޑު ހެދުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.
އެ ދެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އޭނާ ދައުވާއަށް އިންކާރުކުރި ނަމަވެސް މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން، އޮރިޔާންކާޑު ހެދުމުގެ ކުށަށް އޭނާގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
މީގެ ކުރިން ވެސް ޓިކްޓޮކުގައި ބަރަހަނާވި މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ވެސް އޭނާ ހައްޔަރުކުރިއެވެ. އޭރު އޭނާ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތައިލަފާނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށްފައެވެ.
އެހެން ނަމަވެސް ޓިކްޓޮކުގައްޔާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުގައި އޭނާ ދަނީ ބަރަހަނާވެގެންނާއި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަންހެން ހެދުން އަޅައިގެން ފޮޓޯ އާއި ވީޑިއޯތައް އާންމުކުރަމުންނެވެ.