ޚަބަރު

ތެލުގެ އިންޕޯޓް ޑިއުޓީ ކަނޑާލާފައިވާތީ ކަރަންޓްގެ އަގަށް ހެޔޮ ބަދަލު އަންނަންޖެހޭ: ރައީސް

އިބްރާހިމް ޒަކީ

1

ތެލުގެ އިންޕޯޓް ޑިއުޓީ ކަނޑާލާފައިވާތީ ކަރަންޓްގެ އަގަށް މިހާރު ހެޔޮ ބަދަލު އަންނަންޖެހޭ، ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ފަރާތުން އައްޑޫސިޓީގެ އެކި ދާއިރާތަކަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ކެމްޕެއިން އަށް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، ހިތަދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓްގެ އަގު ހެޔޮކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެކަން ކުރުމަށްޓަކައި ތެލުގެ އިންޕޯޓް ޑިއުޓީ ކަނޑާލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތެލުން އިންޕޯޓް ޑިއުޓީ ކަނޑާލުމުން ކަރަންޓްގެ އަގަށް ބަދަލު އަންނަޖެހޭނެކަމަށެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ތެލުގެ އިންޕޯޓް ޑިއުޓީ މިހާރު ވާނީ ކަނޑާލައިފަ. ދެން ކުރަންވީ ކަމަކީ އެއާ ގުޅިގެން ކަރަންޓްގެ އަގަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންޕޯޓް ޑިއުޓީ ޑީސަލުން ކަނޑައިލީމާ އަގަށް ބަދަލު އަންނަންޖެހޭނެ. އެއީ ވިޔަފާރި ވެރިންނަށް، ނޫނީ އެކުންފުނިތަކަށްލިބޭ ލުޔެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޕޯޓް ޑިއުޓީ ކަނޑާލައިގެން ދައުލަތަށް ލިބޭ އެތައް އާމްދަނީއެއް ދޫކޮށްލާފައިވާއިރު، ކުންފުނިތަކުން އެކަން ދެނެގަނެ އޭގެ ފައިދާ އާއި މަންފާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ އޭގެ އެއްވެސް ބޭނުމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ރަނގަޅު މަންފާ، ނަފާ ރައްޔިތުންނާ ހިސާބަށް ކުންފުނިތަކުން ފޯރުކޮށްދޭންޖެހޭނެ. އެހެންނޫނިއްޔާ އޭގެ ބޭނުމެއްނެތް. ދައުލަތަށް ލިބޭ އެތައް އާމްދަނީއެއް އަޅުގަނޑުމެން މި ދޫކޮށްލީ ތިބޭފުޅުންނަށްޓަކާ. ކުންފުނިތަކުން އެކަން ދެނެގަންނަންޖެހޭ. ކުންފުނިތަކުން އޭގެ ފައިދާ ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟