ރިފާ ހަލީލު
އާރްޓީއެލް ފެރީތަކަށް އަންހެން ކައްޕިން ތަމްރީނުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް "ސޯސަލް" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، އަންހެން ކައްޕިން ފެރީތަކުގައި ތިބުމަކީ ދެކިވަޑައިގަންނަވާ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.
އާޒިމް ވިދާޅުވީ އާރުޓީއެލް ފެރީތަކަށް ކައްޕިން ހޯދަން އިއުލާންކުރިއިރު 50 ޕަސެންޓު ހުޅުވާލީ އަންހެނުންނަށް ކަމަށެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް އަންހެނަކު ކުރިމަތިނުލާ ކަމަށެވެ.
"އަދި ދާދި އަވަހަށް އަޅުގަނޑުމެން އިއުލާން ކޮށްލާނަން އަންހެން ފެރީ ޑްރައިވަރުންނަށް. ތަމްރީނުވާން ބޭނުމިއްޔާމުން އެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނަން." އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވަޒީފާއަށް ހުޅުވާލި ނަމަވެސް ދެން ފަހަރަކުން ތަމްރީނުވާން ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެރީ ކައްޕިކަމަށް ބޭނުންވާ އަންހެނުންނަށް ފުރުސަތު ހުޅުވާލާއިރު، މީގެ ކުރިން ބަސްތައް ދުއްވަން ޝައުގުވެރިވި އަންހެނުންނަށް ތަމްރީނުދިނެވެ. އަދި އެ ތަމްރީނުތަކުން ފާސްވި އަންހެނުންނަށް އެމްޓީސީސީން ވަނީ ވަޒީފާވެސް ދީފައެވެ.