ޖިއޮގްރަފިކް ތަންތަނަށް ނަން ކިޔުމުގެ އުސޫލު މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ (އެމްއެލްއެސްއޭ) އިން ކަނޑައަޅައިފިއެވެ.
ޖިއޮގްރަފިކް ތަންތަނަކީ ރަށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ހާހަލާއި، އިދާރީ ދާއިރާތަކާއި، އަދި މިނޫންވެސް އުފެދިފައިވާ ނުވަތަ އުފައްދާފައިވާ މިފަދަ ތަންތަނެވެ.
އެމްއެލްއެސްއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ރާއްޖެގެ ރަށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ހާހަލާއި، އިދާރީ ދާއިރާތަކާއި، އަދި އެނޫންވެސް އެހެނިހެން ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ނަމެއް ކަނޑައަޅާފައި ނުވާ ތަންތަނަށް ނަމެއް ދިނުމާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އިސްލާހުކުރުމުގެ ގޮތުން "ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމިޓީ" މިހާރުވަނީ އެކުލަވާލައިފައިވާ ކަމަށެވެ.
އެމްއެލްއެސްއޭއިން ބުނީ، ތިންވަނަ ފަރާތަކުން ޖިއޮގްރަފިކް ތަނަކަށް ނަންކިޔުމަށް ހުށަހަޅާނަމަ، ހުށަހަޅާ ނަންތަކާއި، އެނަމެއް ހުށަހަޅާ ސަބަބުތައް އުސޫލާ އެއްގޮތަށް ބަޔާންކުރަން ޖެހޭނެ ކަމަށެވެ.
ސަރުކާރުގެ އިދާރާއެއް ފިޔަވާ ތިންވަނަ ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެފަރާތަކުން ފަޅެއްގައި ހިއްކާފައިވާ ރަށެއްކަމުގައިވާނަމަކަމަށް އެމްއެލްއެސްއޭއިން ބުންޏެވެ. އަދި އެރަށަކީ ނުވަތަ އެރަށް ހިމެނޭ ފަޅަކީ އެފަރާތައް ސަރުކާރުގެ ވުޒާރާއަކުން ކުއްޔަށް ދޫކޮށްފައިވާ ތަނަކަށް/ފަޅަކަށް ވެސް ވާންޖެހޭނެ ކަމަށް އެމްއެލްއެސްއޭއިން ބުންޏެވެ.
ރަށަކަށް ކިޔާ ނަމެއް ބަދަލުކުރަން ތިންވަނަ ފަރާތަކަށް ހުށަހެޅޭނީ އެފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވާނަކަމަށާއި އެގޮތަށް ހުށަހަޅަންވާނީ، އެފަރާތާއި ރަށް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާ މެދުވެރިކޮށްކަމަށް އެމްއެލްއެސްއޭއިން ބުންޏެވެ.