މަހަށް ގޮސް އުޅުނު ގއ. ގެމަނަފުށި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ގެމަނަފުށި ކައުންސިލް ރައީސް އިބްރާހީމް ނާޝީދު "ވަން" އަށް މިރޭ ވިދާޅުވީ، މަސްވެރިކަމަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ އެރަށު މުހައްމަދު ވަސީމް، 50އ. ކަމަށެވެ. އޭނާ މަރުވީ ގެމަނަފުއްޓާ 50 މޭލު ބޭރުން މެދުހަމް ކަނޑުގައި މަސްވެރިކަން ކުރަން ހުއްޓައި މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށް ނާޝިދު ވިދާޅުވިއެވެ.
"ދޯނީގައި ހުރި މީހުން ބުނީ މަޑުމަޑުން ވެއްޓެމުން ދިޔަތަން ފެނުނީ ކަމަށް. ދެން ގޮސް ބެލިއިރު މަރުވެފައިވާ ކަމަށް. ހާޓް އެޓޭކް ޖެހުނީކަމެއް ނޫނީ އެހެންކަމެއް ދިމާވީކަމެއް އަދި ނޭނގެ،" ނާޝީދު ވިދާޅުވިއެވެ.
ނާޝީދު ވިދާޅުވީ، ވަސީމް ހަށިގަނޑު ގެމަނަފުއްޓަށް ގެނައުމަށް އޭނާ މަސްވެރިކަންކުރާ "ދޮންދީނީ" ދޯނި މިހާރު އެރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.