ދިވެހިރައްޔިތުންގެ ޕާޓީ

ކޯލިޝަން ލިސްޓުގައި ޑީއާރުޕީ ކެނޑިޑޭޓުންގެ ނަން ހިމެނިފައިނުވަނީ އިދާރީ އޮޅުމަކުން: ޑީއާރުޕީ

މަރިޔަމް ޝަހުދާ

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އިއުލާންކުރި އެ ކޯލިޝަނުން ތާއީދު ކުރާ މަޖިލީހުގެ ކެންޑިޑޭޓުންގެތެރޭ ޑީއާރުޕީ ކެނޑިޑޭޓުންގެ ނަން ހިމެނިފައިނުވަނީ އިދާރީ އޮޅުމަކުންކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ޑީއާރުޕީ އިން މިކަމާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކުރެވުމުގެ ކުރިން ޑީއާރުޕީގެ ތިން ކެނޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު ދެއްވާ އެކަމުގެ ލިޔުން ހަވާލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އެޕާޓީގެ ތިން ކެނޑިޑޭޓުންގެ ނަން އެ ލިސްޓުގައި ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުންކަން އެ ޕާޓީއިން ބުނެއެވެ.

މީގެ އިތުރުން ޑީއާރުޕީގެ ބަޔާނުގައި ވަނީ ރައީސް ޔާމީން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ކަމުގެ ލިޔުން ހަވާލުކޮށްފައިވުމުގެ ސަބަބުން އެޕާޓީއިން އަންނަނީ ރައީސް ޔާމީންގެ ތާއީދާއެކު ޕީޕީއެމްގެ ތާއީދުއޮތް ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިން މަސައްކަތްތައް ކުރަމުންކަން ހާމަކޮށްފައެވެ. އަދި ކުރިއައް އޮތްތާގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާނީ ހަމަ ޕީޕީއެމް އާއި ރައީސް ޔާމީންގެ ތާއީދު އޮތް ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް ޑީއާރުޕީ އިން ހާމަކުރެއެވެ.

މިކަމާގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަކި އެއްޗެއް ބުނެފައިނެތްނަމަވެސް، ޕީއެންސީގެ ވަގުތީ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު އެ ކޯލިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވަނީ ޑީއާރުޕީއިން ކާށިދޫ ދާއިރާއަށް ކުރިމަތިލާ މުހައްމަދު ނަޝީދަށް އެ ކޯލިޝަންގެ ފުރިހަމަ ތާއީދު ލިބޭނެކަމަށް ވިދާޅުވެފައެވެ.