ޚަބަރު

ޒިންމާވާނެ ފަރާތެއް ނެތުމުން ޑީއާރުޕީން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަ ކުރިއަށްގެންދެވޭކަށް ނެތް!

އިބްރާހިމް ޒަކީ

1

ޕާޓީ އުވާލާފައިވާތީ، ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅަންޖެހޭ ތަނެެއް ނެތުމުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ހައުސިން މިނިސްޓްރީއަށް ދައްކަން އޮތް ދަރަނީގެ މައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތް ކަަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޑީއާރުޕީގެ ގައުމީ ޖަލްސާ ބާއްވަން 2010 ވަނަ އަހަރުގެ ފެބްރުއަރީ 14 ގައި ކުއްޔަށް ހިފި، ދަރުބާރުގޭގެ މާލަންތަކާއި ތަކެތީގެ ކުލީގެ ގޮތުގައި ހައުސިން މިނިސްޓްރީއަށް ދައްކަންޖެހޭ 83،200 ރުފިޔާ ދައްކަން ހުކުމް ކުރުމުންވެސް އެ ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ބެލި ހުކުމް ތަންފީޒުކުުރުމުގެ މައްސަލައެކެވެ.

މި މައްސަލަ ހައުސިން މިނިސްޓްރީން ސިވިލްކޯޓަށް ފުރަތަމަ ހުށަހެޅީ، 2018 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައެވެ. މައްސަލަ ބެލުމަށްފަހު އެއްްމަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޑީއާރުޕީގެ މައްޗަށް ހުކުމްކުރީ އެ އަހަރުގެ ޖުލައި މަހުގެ 24 ގައެވެ.

ޕާޓީގެ އިސްވެރިއެއްގެ ހައިސިއްޔަތުން އޭރު ޑީއާރުޕީގެ އިސްވެރިއެއްގެ ގޮތުން ހުންނެވި ހ. ފޮއްދޫގެ މުހައްމަދު ނަޝީދު (ކާނަލް) 5،951 ރުފިޔާ ކޯޓަށް ޖަމާކުރުމަށްފަހު، އެއީ އޭނާ ޒިންމާވާންޖެހޭ ދަރަންޏެއް ކަމާމެދު ސުވާލު އުފައްދާފައިވުމާއި، ނަޝީދުގެ ނުރުހުމުގައި އެ ދަރަންޏަށް އޭނާ ޒިންމާ ކުރެވޭނެ ހަމައެއް ނެތުމުން އެ ފައިސާ އޭނާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

ނަމަވެސް އޭގެ ފަހުންވެސް ފައިސާ ދައްކާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި މައްސަލަ ހިނގަމުން ދަނިކޮށް 15 މާޗް 2023 ގައި އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޑީއާރުޕީ އުނިކޮށް އެ ޕާޓީ އުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ސިޓީއަކުން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

ސިވިލްކޯޓުން މި މައްސަލަ ބަލައި މިއަދު ކުރި ހުކުމްގައި ވަނީ، ދައުލަތުން އެދިފައިވަނީ މި ދަރަންޏަށް ޝަހުސީގޮތުން ޒިންމާވާންޖެހޭ ފަރާތެއް ކަނޑައަޅައިދިނުމަށް ކަމަށެވެ.

ނަމަވެސް ސާބިތުވެފައިވާ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމަކީ ހުކުމް ތަންފީޒުކުރުމުގެ މި ގަޒިއްޔާގެ ތެރޭގައި އެ ކަންކަމާ މެދު ބަހުސްކޮށް އެއަށް ގޮތެއް ކަނޑައެޅިދާނެ ކަމެއް ނޫންކަން ސުޕްރީމްކޯޓުގެ ނިންމުމަކުން އެނގެން އޮންނާތީ މި ގަޒިއްޔާގެ ތެރެއިން ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅޭނެ ތަނެއް ނެތްކަން ހުކުމްގައި ވަނީ ބުނެފައެވެ.

އެހެންކަމުން ޑީއާރުޕީގެ މައްޗަށް ސާބިތުވެފައިވާ މި ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމުގެ ކުރިން މި މައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟