ޚަބަރު

އައިފޯން 14 އަށް ކެމެރާގެ މައްސަލަތަކެއް، އެޕަލްއިން ބުނަނީ އަންނަ ހަފުތާގައި ރަނގަޅުކުރާނެ ކަމަށް

މުހައްމަދު އިޝާން

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެޕަލްގެ އައިފޯން 14އިގެ ފޯނުތަކުގެ ކެމެރާތަކަށް ދިމާވާ މައްސަލަ އަންނަ ހަފުތާ ތެރޭގައި ރަނގަޅުކުރާނެކަމަށް އެޕަލްއިން ބުނެފިއެވެ.

އައިފޯން 14، އައިފޯން ޕްރޯ އަދި އައިފޯން ޕްރޯ މެކްސްގެ ކެމެރާތައް ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ފަދަ ތިންވަނަ ފަރާތެއްގެ ކެމެރާ އެޕްތައް ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ އެ އެޕްލިކޭޝަންތަކުން ކެމެރާ ހުޅުވާއިރު ފޯނުގެ ކުރިމަތީ ކެމަރާ ވައިބްރޭޓްވާކަމަށް ބުނެފައެވެ.

އެ ޝަކުވާތަކާ ގުޅިގެން އެެޕަލްއިން އިން ބުނެފައިވަނީ، އައިފޯން 14އިގެ ކެމެރާތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލަ އަންނަ ހަފުތާގައި ރަނގަޅުކުރެވޭނެކަމަށް ވެސް އެޕަލްއިން ބުންޏެވެ.

ފޯނުތަކަށް ދިމާވެފައިވާ މައްސަލަ ރަނގަޅުކުރާނެކަމަށް އެޕަލްއިން ބުންޏަސް އެ މައްސަލަ ދިމާވާންވި ސަބަބެއް އެޕަލްއިން ނުބުނެއެވެ.

އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އައިފޯނު 14އިގެ ކެމެރާއަށް މައްސަލަ ދިމާވަނީ އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން ފީޗާގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށެވެ.

ޔޫޓިއުބަރެއް ކަމަށްވާ ލޫކް މިއާނީ ވަނީ ސްނެޕްޗެޓް ބޭނުންކުރާއިރު އޭނާގެ އައިފޯން 14 ޕްރޯ މެކްސް ކެމެރާ ވައިބްރޭޓްވާ ގޮތް ދައްކުވައިދޭ ވީޑިއޯއެއްވެސް ޓުވިޓާއަށް އަޕްލޯޑްކޮށްފައެވެ. އެ ވީޑިއޯއިން މިއާނީގެ ފޯނުގެ ކެމެރާއިން އަޑުގަދަކޮށް ގުގުމާ އަޑުވެސް އިވެއެވެ.