ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓް މުބާރާތް، ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް (ސާބާ) މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
ނައިބު ރައީސް މިއަދު ޓީމާ ބަދަލުކުރައްވާފައި ވަނީ މޯލްޑިވްސް ސެންޓަ ފޯ ސޯޝަލް އެޑިއުކޭޝަންގެ އިންޑޯ ހޯލުގައެވެ. ނައިބު ރައީސް ފައިސަލް ވަނީ ޓީމާ ބައްދަލުކުރައްވައި، ހިތްވަރު ދެއްވުމުގެ އިތުރުން ޖާޒީވެސް ހަވާލުކޮށްދެއްވައިފައެވެ. ނައިބު ރައީސް ފައިސަލް ކުޅުންތެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ހުރިހާ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސަރުކާރުން ކުޅިވަރަށް ކުރާ މަސައްކަތް ފާހަގަކުރައްވައިފައެވެ. ހާއްސަކޮށް ތަމްރީނުތަކުގައި ހުނަރު ކުރިއަރުވަން އިތުރު ފުރުސަތުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަންވެސް މިއަދު ފައިސަލް ދެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސާބާ އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވަނީ މިމަހުގެ 24 އިން 30 އަށް މާލޭގައެވެ. މުބާރާތް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ މުބާރާތުގައި މިއަހަރު ހަ ގައުމަކުން ވާދަކުރާނެއެވެ. ރައުންޑް ރޮބިން އުސޫލުން ކުޅޭ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ސްރީ ލަންކާ، ނޭޕާލް، އިންޑިއާ، ބޫޓާން އަދި ބަންގުލަދޭޝެވެ.
ސާބާ ޗެމްޕިއަންޝިޕަށް ގައުމީ އަންހެން ޓީމު އަންނަނީ ދުރާލާ މުބާރާތަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްތަކެއް ކުރިއަށް ގެންގޮސް އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ އަންހެން ބާސްކެޓްގެ އެންމެ ބޮޑު މުބާރާތެވެ.